
ޕަލާއޫގެ މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ކަލްޗަރ، ޓޫރިޒަމް އެންޑް ޑިވެލޮޕްމަންޓް އޮނަރަބަލް ޏިގިރައިބެލަސް ތުމެތުޗުލް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ރާއްޖޭގައި ފަށައިގެން ކުރިއަށްދާ “ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026” އާއި “އައިލެންޑް އިންވެސްޓްމަންޓް ފޯރަމް”ގެ ހަވާސާގައެވެ. ދެ ބޭފުޅުންގެ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)އަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވާ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކަށާއި، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމެއް ކުރިއެރުވުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށެވެ. އަދި ސިޑްސްގެ މެންބަރު ޤައުމުތަކަށް އިންވެސްޓްމަންޓްތައް އިތުރުކޮށް، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލައި، އެ ޤައުމުތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި ޕަލާއޫ ފަދަ ޤައުމުތަކާ އެކު ރާއްޖެއިން އަބަދުވެސް ސާބިތުކަމާ އެކު ގާތުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ މިނިސްޓަރަށް އަރުވާފައެވެ.
އޮގަސްޓް މަހުގެ 23އިން 25އަށް ކުރިއަށް ގެންދާ ސިޑްސް ފޯރަމަކީ ކުދި ޖަޒީރާތަކުގެ ތަރައްޤީއަށް އަމާޒުކޮށްގެން އަމިއްލަ ވިޔަފާރިތަކާއި، މަދަނީ ޖަމާޢަތްތަކުގެ އިތުރުން ދިރާސާކުރާ ފަރާތްތަކާއި އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤްވާމީ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ބައިނަލްއަޤްވާމީ ފޯރަމެކެވެ.

