
މިނިސްޓަރުންގެ ފެންވަރުގައި ރައީސް އޮފީހުގެ މަގާމަކަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން ބުނީ އާޒިމާ އައްޔަނުކުރީ އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ނޭޝަނަލް ޓެރިޓަރީ އެންޑް ސޮވްރިނިޓީގެ މަގާމަށް ކަމަށެވެ.
ޢާޒިމާ ޝަކޫރަކީ މީގެ ކުރިން ވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ. އެކަމަނާއަކީ ރާއްޖޭގެ ފުރަތަމަ އަންހެން ބަންޑާރަނައިބެވެ. އަދި ރިޔާސީ ތިން ދައުރެއްގައި ވަޒީރުންގެ މަޖިލީހުގައި ވެސް އެކަމަނާ ހިދުމަތް ކުރައްވާފައިވެއެވެ.
އަދި އެކަމަނާ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ހައިސިއްޔަތުން ހިދުމަތްކުރައްވާފައެވެ.
އާޒިމާ ޝަކޫރު ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗެލާ އޮފް ލޯސް (އޮނާސް) އަދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާއިން މާސްޓާ އޮފް ލޯސް ހާސިލްކުރައްވާފައެވެ.
އެކަމަނާއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އަދި އިޙުތިރާމު ލިބިގެންވާ ގާނޫނީ ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވަކީލެކެވެ. ގާނޫނީ ފަންނުގައި 30 އަހަރަށްވުރެ ގިނަ ދުވަސްވީ ހިދުމަތުގައި އެކަމަނާ ވަނީ ވެރިކަން ހިންގުމުގެ ނިޒާމާއި ގާނޫނުއަސާސީ އަދި ގާނޫނު އިސްލާޙުކުރުމާއި ޤާނޫނީ ދިރާސާގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

