
ބަންގްލަދޭޝްގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި އެ ޤައުމުގެ ރައީސްކަމުގެ މަޤާމަށް ވަޑައިގެންނެވި މިރްޒާ ފަޚްރުލް އިސްލާމް އާލަމްގީރަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގައި ބޭއްވި އެންމެ ވާދަވެރި އިންތިޚާބުން މިރްޒާ ފަޚްރުލް އިސްލާމް ހޯއްދެވި ކާމިޔާބީއަކީ އެ ޤައުމުގެ ޑިމޮކްރެސީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމުގައި ވަނީ ސިފަކުރައްވާފައެވެ. އަދި މި ތާރީޚީ ނަތީޖާއިން ދައްކުވައިދެނީ ބަންގްލަދޭޝްގެ އާންމު ރައްޔިތުން އެމަނިކުފާނުގެ ލީޑަރޝިޕަށް ކުރާ ފުރިހަމަ އިތުބާރުކަން ވެސް ރައީސް ވަނީ ބަޔާންކުރައްވާފައެވެ.
ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މި ގުޅުމަކީ ސަރަޙައްދީ ތަރައްޤީއާއި ސަލާމަތަށް ދެ ޤައުމުން ވެސް އިސްކަންދޭ މިންވަރުގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އައު ރައީސްގެ ޒަޢާމަތުގެ ދަށުން އެކި ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތްތަކަކަށް ކުރިއަރައިގެންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ބަންގްލަދޭޝްގެ އައު ރައީސްގެ ދައުރުގައި އެ ޤައުމަށް އިތުރު ފާގަތިކަމާއި، ސުލްޙަ މަސަލަސްކަމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ ލިބިގެންދިޔުމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

