
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި، އެ އަވަށުގެ ބިމާ ގުޅޭ މުހިންމު ނިންމުންތަކެއް މަދު ބަޔަކާ އެކު ނިންމަން އުޅޭކަމަށް ބުނެ، މޭޔަރު އާދަމް އާޒިމަށާއި ކައުންސިލަށް ރައްޔިތުންގެ ފަރާތުން ހޫނު ރައްދުތަކަކާއި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ނަމުގައި ބޭއްވި މި ހަރަކާތަކީ، ހަގީގަތުގައި އެ އަވަށުގެ ބިމުގެ ޕްލޭނާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރޭވި ވޯކްޝޮޕެއްކަން އެނގުމުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ބައްދަލުވުމުގައި ބައިވެރިވި އާންމުން ބުނި ގޮތުގައި، މުޅި އަވަށުގެ މުސްތަގުބަލާ ގުޅިފައިވާ ބިމުގެ މައްސަލަތައް ނިންމަން ޖެހޭނީ ސަތޭކައެއްހާ މީހުން ވެސް ނެތް ކުޑަ ބައްދަލުވުމަކުން ނޫން ކަމަށާއި، އެއަށްވުރެ ފުޅާ ދާއިރާއެއްގައި އާންމުންގެ ހިޔާލު ހޯދައިގެން ކަމަށެވެ.
ކައުންސިލްގެ އަމަލުތަކަށް ފާޑުކިޔަމުން ބައެއް ފަރާތްތަކުން ވަނީ، އިންތިހާބު ދުވަސްވަރު ވޯޓު ހޯދަން ރައްޔިތުން ގާތަށް އައި ނަމަވެސް، މަގާމަށް ހޮވުމަށް ފަހު ރައްޔިތުންގެ ހާލު ނުބަލާކަން ފާހަގަކޮށްފައެވެ. ހަމައެހެންމެ، މޭޔަރު އާޒިމް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ވަގުތު ދެއްވައި، ފްލެޓް އެޅުމަށް ގަސް ކެނޑުމާ ދެކޮޅު ހެދި މީހުންނާ ބައްދަލުކުރެއްވި ނަމަވެސް، އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކައުންސިލުން ފަސްޖެހޭކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.
މި ބައްދަލުވުމުގެ ތެރެއިން އާންމުން ވަނީ، ވިލިމާލޭގެ ތަރައްގީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް ސިޓީ ކައުންސިލުން ހުރަސްއަޅާކަމަށް ބުނެ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި އަވަށުގެ ތަރައްގީގައި ރައްޔިތުން ތިބީ ސިޔާސީ ކުލައަކަށް ނުބަލައި އެއްބައިވަންތަކަމާ އެކު ކަމަށާއި، ރައްޔިތުންގެ ފާޑުކިޔުންތަކާ ކުރިމަތިލާން ނުކެރިގެން އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުން މި ބައްދަލުވުމަށް ހާޒިރުވެފައި ނުވާކަމަށްވެސް ނުރުހުން ފާޅުކުރި ބައެއް މީހުން ވަނީ ބުނެފައެވެ.
ޖުމްލަ ގޮތެއްގައި މި ބައްދަލުވުން ވެގެންދިޔައީ، ކައުންސިލުން ވިލިމާލެއާމެދު އިހުމާލުވަމުންދާކަމަށް ބުނެ ގިނަ ބަޔަކު މޭޔަރާ ސުވާލުކުރި ހޫނުގަދަ މައިދާނަކަށެވެ.

