
ރާއްޖެއަށް މިދިޔަ މަހުގެ ނިޔަލަށް އައި ޓޫރިސްޓުންގެ ދެބައިކުޅަ އެއް ބަޔަކަށްވުރެ ބޮޑުބައެއް އައިސްފައި ވަނީ މާލެ އަތޮށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ކ. އަތޮޅަށް 553,430 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ އަތޮޅުތަކަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 45.1 އިންސައްތައެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ 101,551 ފަތުރުވެރިންނާ އެކު އދ. އަތޮޅަށެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ 8.3 އިންސައްތައެވެ. މީގެ އިތުރުން ރ. އަތޮޅަށް 97,070 ފަތުރުވެރިން (7.9 އިންސައްތަ)އެވެ. އަދި އއ. އަތޮޅަށް 87,352 ފަތުރުވެރިން (7.1 އިންސައްތަ) އަދި ބ. އަތޮޅަށް 67,389 ފަތުރުވެރިން (5.5 އިންސައްތަ) ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ މެދުތެރޭގެ އަތޮޅުތަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރު ނަމަވެސް، ބައެއް އަތޮޅުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނިސްބަތުން ވަރަށް މަދެވެ. އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރި އަތޮޅަކީ ތ. އަތޮޅެވެ. މިއަހަރުގެ ފުރަތަމަ ހަތް މަސްދުވަހު އެ އަތޮޅަށް ޒިޔާރަތްކޮށްފައި ވަނީ އެންމެ 1,912 ފަތުރުވެރިންނެވެ (0.2 އިންސައްތަ) ދެން އެންމެ މަދުން ފަތުރުވެރިން ދިޔައީ ފ. އަތޮޅަށެވެ. އެ އަތޮޅަށް 3,260 ފަތުރުވެރިން (0.3 އިންސައްތަ) ޒިޔާރަތްކޮށްފައިވާއިރު، ހދ. އަތޮޅަށް 3,277 ފަތުރުވެރިން (0.3 އިންސައްތަ)، އަދި ލ. އަތޮޅަށް 4,221 ފަތުރުވެރިން (0.3 އިންސައްތަ) ވަނީ ޒިޔާރަތްކޮށްފައެވެ.

