
ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސާފު ފައިދާ 2024ވަނަ އަހަރު 2 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
އޮޑިޓަ ޖެނެރަލް ނެރުއްވާފައިވާ އެޗްޑީސީގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި 2024ވަނަ އަހަރުގެ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށްވި ނަމަވެސް، އެކުންފުނީގެ ސާފު ފައިދާ ވަނީ 2 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އެޗްޑީސީގެ 2024ވަނަ އަހަރުގެ މާލީ ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 3.53 ބިލިއަން ރުފިޔާއެވެ. މިއީ 2023ވަނަ އަހަރު ލިބުނު 6.53 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށްވުމެކެވެ. އާމްދަނީ ދަށްވި ނަމަވެސް، ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 2.01 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2023ވަނަ އަހަރު ސާފު ފައިދާއަކީ 2.04 ބިލިއަން ރުފިޔާއެވެ.
އެޗްޑީސީގެ ސާފު ފައިދާ 2 ބިލިއަން ރުފިޔާގައި ހިފެހެއްޓިފައި ވަނީ މައިގަނޑު ތިން ސަބަބަކާ ހުރެކަން އޮޑިޓް ކުރެވިފައިވާ މާލީ ހިސާބުތަކުން އެނގެއެވެ.
އެއް ސަބަބަކީ އިންވެސްޓްމަންޓް ޕްރޮޕަޓީގެ އަގު މައްޗަށް ދިއުންމެވެ. އިންވެސްޓްމަންޓް ޕްރޮޕަޓީގެ އަގަށް އައި ބަދަލާ އެކު “ފެއާ ވެލިއު ގެއިން”ގެ ގޮތުގައި 1.36 ބިލިއަން ރުފިޔާ ވަނީ ފައިދާގެ ގޮތުގައި ހިމަނާފައެވެ. މިއީ 2023ވަނަ އަހަރު މިގޮތަށް ލިބުނު 950 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ.
އަނެއް ސަބަބަކީ އެހެނިހެން އާމްދަނީ އިތުރުވުމެވެ. އެހެނިހެން އާމްދަނީގެ ގޮތުގައި 1.88 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންވެސްޓްމަންޓް ޕްރޮޕަޓީ ވިއްކައިގެންނާއި އަގު ކުރުމަށް އައި ބަދަލުން ލިބުނު 1.52 ބިލިއަން ރުފިޔާގެ ފައިދާއެވެ.
އަނެއް ސަބަބަކީ ކްރިކެޓް ސްޓޭޑިއަމް ހެދުމަށް ކަނޑައަޅާފައިވާ ބިން ފަދަ ކުރިން އާމްދަނީ ނުލިބޭނެ ގޮތަށް ހުރި ބައެއް ބިންތައް، އާމްދަނީ ލިބޭނެ ބިންތަކަކަށް ބަދަލުކުރުމަށް ކުންފުނިން ނިންމި ނިންމުމެވެ. މި ބަދަލާ ގުޅިގެން އިންވެސްޓްމަންޓް ޕްރޮޕަޓީއަށް 1.3 ބިލިއަން ވަނީ އަލަށް އިތުރުވެފައެވެ.

