
2027ވަނަ އަހަރު މުޅިން އަލަށް ޤުރްއާން މާއްދާއިން އެސްއެސްސީ އިމްތިޙާނު ބޭއްވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ދިވެހި ސަރުކާރުން ފަށައިފިއެވެ.
މީގެ ޢަމަލީ މަސައްކަތްތައް މިހާރު ފެށިފައިވާއިރު، މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޚާއްޞަ ޕައިލެޓް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ތަޢުލީމީ ވުޒާރާއިން ވަނީ ނިންމަވާފައެވެ. ދެވަނަ ޓާމުގެ އިމްތިޙާނަށް ފަހު ރާއްޖޭގެ އެކި ހިސާބުތަކުން ކަނޑައެޅިފައިވާ 10 ސްކޫލެއްގައި މި ޕައިލެޓް ޓެސްޓު ދިނުމަށް ހަމަޖެހިފައިވާއިރު، އަލަށް އެކުލަވާލި އުޞޫލު ބުނާގޮތުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބޭނީ ވެސް މި މާއްދާއިން ފާސްވުމުންނެވެ.
މިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު، މިދިޔަ އަހަރުގެ ތެރޭގައި އަލުން ފެއްޓެވި މުހިންމު މަސައްކަތެކެވެ. އެމަނިކުފާނުގެ މި ނިންމެވުމާ އެކު، އިމްތިޙާނާގުޅޭ ފަންނީ ގިނަ މަސައްކަތްތަކެއް މިހާރު ފުރިހަމަކުރެވި، ރަސްމީކޮށް އިމްތިޙާނު ބޭއްވުމާ ދާދި ގާތަށް މިހާރު ވަނީ އާދެވިފައެވެ.
އެންމެ ފުރަތަމަ މި އިމްތިޙާނު ތަޢާރަފުކުރުމުގެ ވިސްނުން ގެންގުޅުއްވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. ނަމަވެސް އޭގެ ފަހުން އައި އެމްޑީޕީގެ ސަރުކާރުން ވަނީ އެ މަސައްކަތް ހުއްޓުވާފައެވެ. އެގޮތުން، އެސްއެސްސީގައި ޤުރްއާން ހިމެނުމަށް އެދި 1،000 ބެލެނިވެރިން ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، އޭރުގެ ސަރުކާރުން ބުރަވީ މިކަމާ ދެކޮޅަށް 300 ބެލެނިވެރިން ހުށަހެޅި ޕެޓިޝަނަށެވެ.
މުދައްރިސުން ތަމްރީނުކުރުމަށް ކަމަށް ބުނެ އެ ސަރުކާރުން އިމްތިޙާނު ފަސްކުރި ނަމަވެސް، ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައިރު ވެސް މުދައްރިސުން ތަމްރީނުކުރުމުގެ އެއްވެސް ޢަމަލީ މަސައްކަތެއް އަދި އިމްތިޙާނު ބޭއްވުމުގެ އެއްވެސް ކަމެއް ވެސް ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

