
އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި އަމަލުތަކާ ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ.
އެގޮތުން ރައީސްގެ މެސެޖުގައި ވިދާޅުވީ ގައުމެއްގެ ސައިޒަކީ، އެ ގައުމެއްގެ އަހުލާގީ ޒިންމާ ކުޑަވާންޖެހޭ ސަބަބެއް ނޫންކަން ކަމަށާއި އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލުމާއި، ނިކަމެތިންގެ ހައްގުގައި ތެދުވުމަކީ ރާއްޖޭގެވެސް ޒިންމާއެއް ކަމަށެވެ.
އެމަނިކުފާނުގެ މެސެޖުގައި، މުޅި އިންސާނިއްޔަތުގެ ލާބައާއި މަންފާއަށްޓަކައި، ނުރައްކަލަށް ހުށަހެޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިދުމަތްކުރަމުންދާ އިންސާނީ ހިދުމަތްތެރިންނާއެކު ރާއްޖެ ސާބިތުކަމާއެކު އޮތް ކަމުގައި ހާމަކުރައްވާފައިވެއެވެ. އަދި ހަނގުރާމަތަކާއި، ގެދޮރު ގެއްލުމާއި، ބަނޑުހައިހޫނުކަމާއި، މޫސުމީ ކާރިސާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޅި ދުނިޔޭގައިވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބެންޖެހޭ ރައްކާތެރިކަމަށް މިއަދު އެންމެ ބޮޑަށް ހުރަސްއެޅިފައިވާ ތަނަކީ، ޣައްޒާކަމުގައި ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ގަސްދުގައި އިންސާނީ އެހީއަށް ހުރަސްއެޅުމާއި، ހިސާރުކުރުމާއި، އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ދެވޭ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، ނުރައްކާތެރި ޖަރީމާތަކެއް ކަމަށެވެ.
އެމަނިކުފާނު ވަނީ އެ އަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައި، ފަލަސްޠީނުގެ ރައްޔިތުންނާއެކު ރާއްޖެ ސާބިތުވެ އޮތްކަން ތަކުރާރުކުރައްވައި، އެ ގައުމުގައި ހިނގަމުންދާ ހަނގުރާމަ މިހިނދުން، މިހިނދަށް ދާއިމީގޮތެއްގައި ހުއްޓާލުމަށް ގޮވާލައްވާފައެވެ.
އެމަނިކުފާނުގެ މެސެޖުގައި، ކުދި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބިނާވެފައިވަނީ އެންމެންގެ މައްޗަށް އެއްހަމައަކުން ތަންފީޒުކުރެވޭ ބައިނަލްއަގުވާމީ ގާނޫނުތަކަކާ، ހަމަތަކެއްގެ މައްޗަށް އެކުލެވިފައިވާ ބައިނަލްއަގުވާމީ ނިޒާމެއްގެ މައްޗަށް ކަމަށްވާތީއާއި، ހަތަރުވަނަ ޖެނީވާ މުޢާހަދާގެ ބައިވެރިއެއްގެ ޙައިސިއްޔަތުން، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށާއި، އާންމު ރައްޔިތުންނާއި އިންސާނީ އެހީތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތުގައި ސާބިތުކަމާއެކު ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

