
ސްކޭމްގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގއ. ފިޔޯރީ/ފައިން ބީޗު/ އަބްޝަރު ރަޝީދު (23އ)އާއި ހއ. ހޯރަފުށި، ފައިންޕާކު، މުހައްމަދު ފަޒީލް (23އ)އެވެ.
އެ ދެ މީހުން ވެސް 15ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ.
ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ދެ މީހުންނާ ދެކޮޅަށް ވެސް އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައި ވެއެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ނުދެއެވެ.
ހައްޔަރުކުރި ފަޒީލްއަކީ ކުށުގެ ރެކޯޑް އޮންނަ ފަރާތެއް ވެސް މެއެވެ.
ސްކޭމްގެ މައްސަލަތައް ރާއްޖޭގައި ވަރަށް ބޮޑެވެ.
މިދިޔަ ހަފްތާ ފުލުހުން އާންމުކުރަ ތަފާސް ހިސާބުތަކަށް ބަލާލާއިރު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ތިންހާހަށް ވަނީ އަރައިަފއެވެ.
އެ 3،000މައްސަލައިގައި އާންމުންގެ އަތުން 35މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ގެއްލުނު އިރު 13މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

