
މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް)އާއި، އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަންގެ ސާރވޭ ރީސާރޗް ސެންޓަރާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ‘މޯލްޑިވްސް ކޮންސިއުމަރ ސެންޓިމެންޓް އިންޑެކްސް’ (އެމް.ސީ.އެސް.އައި) ތަޢާރަފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ކޮންސިއުމަރ ސެންޓިމެންޓް އިންޑެކްސްއަކީ، ފަރުދުންގެ އަމިއްލަ މާލީ ހާލަތާއި، ގައުމުގެ މާލީ އަދި އިގްތިސާދީ ހާލަތަށް އަންނަ ބަދަލުތައް ގޭބިސީތަކުން ތަސައްވުރުކުރާގޮތާއި، ކުރު އަދި ދުރުރާސްތާގެ އިގްތިސާދީ ހާލަތާއިމެދު އޮތް އުއްމީދުތައް ޢިލްމީގޮތެއްގައިވަޒަންކޮށް، މަހުން މަހަށް އަންނަ ބަދަލުތައް ގަވައިދުން ބެލުމުގެ ބޭނުމުގައި، މުޅިން އަލަށް ގާއިމުކުރެވޭ އިންޑެކްސްއެކެވެ.
އެމެރިކާގެ ޔުނިވަރސިޓީ އޮފް މިޝިގަންގެ ސާރވޭ ރީސާރޗް ސެންޓަރުގެެ ފަންނީ ލަފަޔާ އެކު މޯލްޑިވްސް ބިޒްނަސް ސްކޫލުގެ ފަރާތުން ހިންގާ މިސާރވޭއަކީ، ދިވެހިރާއްޖޭގެ މުޅި އާބާދީ ތަމްސީލުކުރެވޭނޭހެން، ސައިންޓިފިކް ސާމްޕްލިންގ އުސޫލުތައް ބޭނުންކޮށްގެން ހޮވާލެވޭ ގޭބިސީތަކަކަށް ޒިޔާރަތްކޮށްގެން އެއްކުރެވޭ މައުލޫމާތުގެ މައްޗަށް އެކުލަވާލެވޭ އިންޑެކްސްއެކެވެ. މި ސާރވޭގައި މައިގަނޑު ގޮތެއްގައި ބޭނުންކުރެވޭނީ ޔުނިވަރސިޓީ އޮފް މިޝިގަންގެ ސާރވޭ ރީސާރޗް ސެނޓަރުގެ ‘ސަރވޭ އޮފް ކޮންސިއުމަރސް’ގައި ބޭނުންކުރާ މޮޑެލްއެވެ. ޔުނިވަރސިޓީ އޮފް މިޝިގަންގެ ސާރވޭ ރީސާރޗް ސެންޓަރަކީ ކޮންސިއުމަރ ސެންޓިމެންޓް ދިރާސާކުރުމުގައި ދުނިޔޭގެ ފެންވަރުގައި އެންމެ އިސް އެއް ފަރާތެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ޖުމްލަގޮތެއްގައި މިންކުރުމަށް ތަފާތު އެކިއެކި މިންގަނޑުތައް ބޭނުންކުރެވެއެވެ. މީގެ ތެރޭގައި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ހުރި މިންވަރާއި (ޖީ.ޑީ.ޕީ)، މުދަލުގެ އަގުތަކަށް އަންނަ ބަދަލުތަކާއި (ކޮންސިއުމަރ ޕްރައިސް އިންޑެކްސް)، ބޭރުގައުމުތަކާ މެދު ކުރެވޭ މާލީ މުއާމަލާތްތަކުގެ ހިސާބު (ބެލެންސް އޮފް ޕޭމެންޓްސް) ފަދަ މިންގަނޑުތައް ފާހަގަކޮށްލެވެއެވެ. ޖީޑީޕީއާއި އިންފްލޭޝަން ފަދަ ހިސާބުތަކަކީއޭގެ މައްޗަށް ސިޔާސަތުތަކާއި ވިޔަފާރީގެ ނިންމުންތައް ބިނާކުރެވޭ އަސާސީ މައުލޫމާތުތަކެކެވެ. އެހެންނަމަވެސް މިފަދަ ގިނަ މިންގަނޑުތަކަކީ، މާޒީވި ދުވަސްތަކުގައި ކަންކަންހިނގާފައިވާ ގޮތުގެ މައްޗަށް ބިނާކޮށް އެކުލަވާލެވޭ ހިސާބުތަކެކެވެ. މިއާ ޚިލާފަށް ކޮންސިއުމަރ ސެންޓިމެންޓް އިންޑެކްސްއަކީ، މުދަލާއި ޚިދުމަތް ހޯދާ ފަރާތްތަކުން، މާލީއަދި އިގްތިސާދީ ހާލަތާ މެދު ކުރިއަށް ވިސްނާގޮތްތަކާއި، ގެންގުޅޭ އުއްމީދުތަކުގެ މައްޗަށްރިއާޔަތްކުރެވޭ މިންގަނޑެކެވެ. އެގޮތުން މިއީ، ވިޔަފާރިއާއި އިގްތިސާދާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމުގައި މިހާރަށްވުރެ ހާލަތަށް މުނާސަބު ނިންމުންތައް ނިންމަން އެހީތެރިވެދޭނޭ މައުލޫމާތަކަށް ވެގެންދާނެއެވެ.
މޯލްޑިވްސް ކޮންސިއުމަރ ސެންޓިމެންޓް ސާރވޭއަކީ، ދިވެހިރާއްޖޭގެ ކޮންމެ މަހަކު ކުރިއަށް ގެންދެވޭނެ ދިރާސާއެކެވެ. މިގޮތުން، ކޮންމެ ރަށަކުން ވެސް އެނިއުމަރޭޓަރުން ހޮވާ ތަމްރީންކުރުމަށް ފަހު، ކަނޑައެޅިފައިވާ ގޭބިސީތަކަށް ޒިޔާރަތްކޮށް، ދުރާލާ ތައްޔާރުކުރެވިފައިވާ ޚާއްޞަ ސުވާލުތަކެއްގެ އެހީގައި މައުލޫމާތު އެއްކުރުމަށް ޙަރަކާތްތެރިވަމުންދާނެއެވެ. މި ދިރާސާގެ ކޮންމެ މަހެއްގެ ނަތީޖާ އެނަލައިޒްކުރުމަށް ފަހު މޯލްޑިވްސް ކޮންސިއުމަރ ސެންޓިމެންޓް އިންޑެކްސްއާ އެކު އެކުލަވާލައި ޖެހިގެން އަންނަ މަހު އެމް.ބީ.އެސްގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެއެވެ.

