
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ރަސްމީ ރޭޓަށްވުރެ އަގުބޮޑުކޮށް ޑޮލަރު ވިއްކުމާއި އެކަން އިޝްތިހާރުކުރުމަކީ ބޮޑެތި ޖޫރިމަނާތަކެއް އަންނާނެ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެންނަ އިސްލާޙުތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުން ހުށަހެޅި މި ބިލު އަލުން ދިރާސާކުރުމަށް ފަހު ފާސްކޮށްފައި ވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބިލަށް އެންމެ މުހިންމު ބަދަލުތަކެއް ގެންނަވާފައި ވަނީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙެވެ. އޭނާ ހުށަހެޅުއްވި މާއްދާތަކުގެ ދަށުން، މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ ބޭންޑަށްވުރެ މަތިން ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމާއި އެފަދަ މުއާމަލާތެއް ކުރަން އުޅުމަކީ ވެސް ޤާނޫނީ ގޮތުން މަނާކަމެކެވެ.
މި އާ އިސްލާޙާ އެކު، ބްލެކް މާކެޓު ނުވަތަ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، އާންމު ފަރުދުން 25،000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިގެންވެއެވެ. އަދި މިފަދަ ޣައިރު ޤާނޫނީ އަމަލެއްގައި އެއްވެސް ކުންފުންޏެއް ނުވަތަ ޤާނޫނީ ޝަޚްސެއް ބައިވެރިވެއްޖެނަމަ، އެ ފަރާތެއް 100،000 ރުފިޔާއިން ފެށިގެން 5 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ސޯޝަލް މީޑިއާ ފަދަ ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ނުވަތަ އެނޫން ވެސް ވަސީލަތެއް މެދުވެރިކޮށް، ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ގަނެވިއްކާކަން އިޝްތިހާރުކުރުމަކީ ވެސް ކުށެކެވެ. މިގޮތަށް އާންމުކޮށް ފެންނާނެހެން މައުލޫމާތު ފަތުރާ އަދި އެކަމަށް ހިތްވަރުދޭ މީހުން 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
މި ބިލުގައި ބޭރު ފައިސާ ރާއްޖޭގެ ބޭންކިންގ ނިޒާމަށް ވެއްދުމަށް ވެސް ވަނީ ލާޒިމުކޮށްފައެވެ. ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، އަހަރެއްގެ މައްޗަށް 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން ވެސް އެމްއެމްއޭއިން ހުއްދަ ދީފައިވާ ލޯކަލް ބޭންކަކަށް ފައިސާ ޖަމާކުރަންޖެހޭނެއެވެ. ހަމައެއާ އެކު، ކެޓަގަރީ “އޭ” ގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނަށް މަހެއްގެ މައްޗަށް ވަންނަ ޑޮލަރުގެ އާމްދަނީގެ 20 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރުން މި އިސްލާޙުން ވަނީ މަޖުބޫރުކޮށްފައެވެ.

