
މާލޭގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ މާރުކޭޓު ކޮމްޕްލެކްސް އަލާ ބިން މަސްދުވަސްތެރޭ ހުސްކުރާނެ ކަމަށް ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މުއްތަލިބު މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑީޔާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުންނެވެ. މުއްތަލިބު ވިދާޅުވީ މާރުކޭޓް ކޮމްޕެކްސް ހެދުމަށް ބޭނުންވާ ބިން ހުސްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި އެ ގޮތުން މިވަގުތު އެ ސަރަހައްދުގައި ހުރި ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މި ވަގުތީ މާރުކޭޓް ހެދުމަށް ކުރީގެ އެސްޓީއޯ ހުރި ތަނާއި ތައިސޭކޮށި ބަލަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
މާކުކޭޓު ކޮމްޕްލެކްސް އަކީ މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓްތައް އެއް އިމާރާތަކަށް ގެނައުމަށް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ. މިހާރު ލޯކަލް މާރުކޭޓު ހުރި ތަނުގައި އެޅުމަށް ހަމަޖެހިފައިވާ މާރުކޭޓު ކޮމްޕްލެކްސް އަކީ 6 ފަންގިފިލާއަށް ހެދުމަށް ހަމަޖެހިފައިވާ ތަނެކެވެ. އަދި މި އިމާރާތް ހެދުމަށް ހަމަޖެހިފައި ވަނީ 15،525 އަކަފޫޓުގެ ޖާގައިގައި ހުރިހާ ފަންގިފިލާތައް ހިމެނޭހެން އިމާރާތުގެ ޖާގަ 95،000 އަކަފޫޓަށްވުރެ ބޮޑު ޖާގައެއް ހިމެނޭ ގޮތަށެވެ. މި ތަނުގައި ޖުމްލަ 455 ގޮޅި ހުންނާނެ ކަމަށް ވެސް އެ ވުޒާރާއިން މައުލޫމާތުދެއެވެ.

