
ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަރަނި 2024ވަނަ އަހަރު 2023 އަށްވުރެ ދަށްވެފައިވާ ކަމަށް ދައްކައިފިއެވެ.
އޮޑިޓް އޮފީހުން ނެރުނު 2024ގެ އޮޑިޓުގައިވާ ގޮތުން 2024ވަނަ އަހަރުގެ ނިޔަލަށް ކުންފުނިން ނަގާފައިވާ ޖުމްލަ ލޯނުގެ އަދަދަކީ 9.46 ބިލިއަން ރުފިޔާއެވެ. މިއީ 2023ވަނަ އަހަރު ހުރި 10.22 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ދަށްވެފައިވާ އަދަދެކެވެ.
ކުންފުނީގެ ޖުމްލަ ލޯނާއި، ވިޔަފާރީގެ ގޮތުން ދައްކަންޖެހޭ އެހެނިހެން ފައިސާ އެއްކޮށް، އަތުގައި ހުރި ނަގުދު ފައިސާ ކެނޑުމަށް ފަހު، ކުންފުނީގެ ޖުމްލަ ސާފު ދަރަނީގެ ގޮތުގައި ހުރީ 12.35 ބިލިއަން ރުފިޔާއެވެ.
ޖުމްލަ ލޯނުގެ ތެރެއިން ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ދައްކަންޖެހޭ (ކަރަންޓް ލައިބިލިޓީސް) ލޯނުގެ ގޮތުގައި 1.95 ބިލިއަން ރުފިޔާ ހިމެނޭއިރު، ދިގުމުއްދަތުން ދައްކަންޖެހޭ ލޯނުގެ ގޮތުގައި 7.48 ބިލިއަން ރުފިޔާ ހިމެނެއެވެ.

