
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުން ރޭ ބުނީ ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަކީ ހުރިހާ ހިދުމަތްތަކެއް ލިބޭ “ސްޓޭޓް އޮފް ދި އާޓް” މަރުކަޒަކަށް ހެދުމަށްޓަކައި، އެ މަރުކަޒު އަޕްގްރޭޑްކުރުމުގެ ކަންކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކަމާ ބެހޭ ފަރާތްތަކުން ހޯއްދަވައިގެން އެކަން ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމިކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ފާއިތުވި އަހަރުތަކުގައި ގުރައިދޫ މަރުކަޒުން ބޮޑެތި މައްސަލަތަކެއް އޮތީ ފާހަގަވެފައެވެ. އެހެންވެ އެ މައްސަލަތައް ހައްލުކުރަން މި ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ވެސް ފަށައިފައެވެ.
ގުރައިދޫ މަރުކަޒުގައި 200އަށް ވުރެ ގިނަ މީހުން މިހާރު ވެސް އެބަ ތިއްބެވެ. އޭގެ ތެރޭގައި ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

