
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ފާއިތުވި ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން އެކަނި ވެސް ބަލީގެ 10 ކޭސް ފެނިފައިވާކަން ހާމަކޮށް، އާންމުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 226 އަށް އަރާފައިވާއިރު، ބަލީގެ އަލާމާތްތައް ކަމަށްވާ ހުން އައުމާ އެކު ހަށިގަނޑުގައި ރަތްކުލައިގެ ބިހިތަކެއް ނަގަން ފަށައިފިނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ނުވަތަ ކްލިނިކަށް ދާއިރު މާސްކު އެޅުމަށާއި، ބައްޔަށް ޝައްކުކުރެވިގެން ޓެސްޓު ހަދާފައިވާނަމަ ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހަކުނަމަ، އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެ އިދާރާއިން ވަނީ ބާރުއަޅާފައެވެ.
ސިއްހީ މާހިރުން މައުލޫމާތު ދެއްވާ ގޮތުގައި، ހިމަބިއްސަކީ މީސްލްސް ވައިރަހުގެ ސަބަބުން ފެތުރޭ ނޭވާލާ ނިޒާމަށް އަސަރުކުރުވާ ވަރަށް ހަލުވިކަމާ އެކު ގައިން ގަޔަށް އަރާ ބައްޔެކެވެ. ބަލިމީހާ ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި ވައިގެ ޒަރިއްޔާއިން އެހެން މީހުންނަށް މި ވައިރަސް ވާސިލުވާއިރު، ބަލިމީހާއާއެކު އުޅޭ މީހުންގެ ތެރެއިން 90 އިންސައްތަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. ބިހިތައް ނެގުމުގެ ހަތަރު ފަސް ދުވަސް ކުރިން ފެށިގެން، ބިހި ނަގާތާ ހަތަރު ފަސް ދުވަސް ފަހާ ހަމައަށް އެހެން މީހުންގެ ގަޔަށް މި ބަލި ފަތުރައެވެ.
މައިގަނޑު ގޮތެއްގައި ކުޑަކުދިންނަށް އަމާޒުވި ނަމަވެސް، މިއީ ކޮންމެ އުމުރެއްގެ މީހަކަށް ވެސް ކުރިމަތިވެދާނެ ސިއްހީ ނުރައްކަލެކެވެ. މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިން ފުރިހަމަކުރުމެވެ. އެގޮތުން، ރާއްޖޭގެ ގައުމީ ވެކްސިން ޕްރޮގްރާމުގެ ދަށުން ތުއްތު ކުދިންނަށް ނުވަ މަހުގައި އަދި އަށާރަ މަހުގައި އެމްއާރު އާއި އެމްއެމްއާރު ވެކްސިން އަންނަނީ ދެމުންނެވެ.

