
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ އޮތޯރިޓީގެ ބޯޑަށް މެންބަރުން އިތުރުކުރުމުގެ އިސްލާހު މިއަދު އޮތް ޖަލްސާގައި ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ވަހީދު ހުށަހެޅުއްވި މި ބިލު ފާސްކުރުމަށް މަޖިލީހުގެ 61 މެންބަރަކު ތާއީދުކުރެއްވިއިރު، މިއާ ދެކޮޅަށް ވޯޓު ދެއްވީ ހަ މެންބަރުންނެވެ. ޖުމްލަ 11 އިސްލާހެއް މި ގާނޫނަށް ގެނައުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
މިހާތަނަށް ފަސް މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޔޫއާރުއޭގެ ބޯޑު، އަލަށް ގެނެވުނު ބަދަލާ އެކު ޗީފް އެގްޒެކެޓިވް ހިމެނޭގޮތަށް ހަތް މެންބަރުންނަށް ބޮޑުވެގެންދާނެއެވެ. އަދި އޮތޯރިޓީގެ ހިންގުމާ ހަވާލުވެހުންނަވާ ޗީފް އެގްޒެކްޓިވް ފިޔަވައި ބޯޑުގައި ދެން ތިއްބަ ވާނީ، ކަމާގުޅޭ ފަންނީ ދާއިރާތަކުން މަތީ ތައުލީމާއި އަމަލީ ތަޖުރިބާ ހާސިލުކުރައްވާފައިވާ ބޭފުޅުންކަމަށް ޝަރުތުކޮށްފައިވެއެވެ. މީގެ ތެރޭގައި ކޮންމެ ދާއިރާއަކުން ވެސް ހިމެނޭނީ އެންމެ މެންބަރެކެވެ.
ކުރީގެ ގާނޫނު އޮންނަ ގޮތުން ބޯޑުގެ މެންބަރުންނަށް އަދާކުރެވޭނީ ފަސް އަހަރުގެ އެންމެ ދައުރެކެވެ. ނަމަވެސް، ފާސްކުރި އައު އުސޫލުގެ ދަށުން ޗީފް އެގްޒެކެޓިވް ފިޔަވައި އެހެނިހެން މެންބަރުންނަށް އެއް ދައުރަށްވުރެ ގިނަ ދައުރުގައި ބޯޑުގައި ތަމްސީލުކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ބޯޑުގެ ބައްދަލުވުންތަކުގެ ކޯރަމް ކަނޑައަޅާނެ ގޮތް ތަފްސީލުކޮށްދީފައިވާއިރު، ނިންމުންތައް ނިންމުމުގައި ވޯޓުލުމުގެ ހައްގު ޗީފް އެގްޒެކެޓިވްއަށް ނުލިބޭނެކަން ވަނީ ސާފުކޮށްދީފައެވެ.
ބިލު ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ހިސާބުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ގާނޫނު ވުޖޫދުވާތާ 30 ދުވަހުގެ ތެރޭގައި، އަލަށް އިތުރުކުރެވޭ މެންބަރުން ބޯޑަށް އައްޔަންކޮށް ނިންމަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

