
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެ، މާފަންނު ގެއެއް ބަަލައިފާސްކޮށް، މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، މި އޮގަސްޓު މަހުގެ 13ވަނަ ދުވަހު އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށާއި އެ އޮޕަރޭޝަން ހިންގާފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށެވެ.
އެ އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން މ. ސޭންޑީހޮލޯ / މާލެ، ޢަބްދުﷲ އިނާޒް (37އ) ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި ފެނުނު ތަކެތީގެ ވަގުތީ ބަރުދަނީ 515.11 ގުރާމު ހުންނާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުﷲ އިނާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

