
މާލޭ ގެއެއްގެ ކޮޓަރީގައި، ކަރަންޓު ސޮކެޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ގ. ކްރެބްޓްރީ ކޮޓަރިއެއްގައި ކަމަށާއި މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުނީ މިއަދު 12:09 ހާއިރު ކަމަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސްފައިވާ ކަމަށާއި އަލިފާން ނިއްވާލާފައި ވަނީ މިއަދުގެ 12:25ހާއިރު ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ބުނެފައި ވަނީ މި ހާދިސާގައި އެ ކޮޓަރީގައިވާ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާ ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މިއަދު ގ. ކްރެބް ޓްރީ ކޮޓަރިއެއްގައި އަލިފާނުގެ ހާދިސާ ހިނގާފައިވާއިރު ރޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ. މި ހާދިސާއަކީ ރޭގައި މާލެ، ބޮޑު ރަސްގެފާނު މަގުގައި ހުރި، ހ.ފަހިވައި 7ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ. މި ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަފައިގެން ދިއުމުގެ އިތުރުން އިތުރު މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިިސާއާ ގުޅިގެން ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައި ވެއެވެ.

