
އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ޓެރިފް ކަނޑާލުމުން އެކްސްޕޯޓަރުންނަށް 20 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ޔޫރަޕުގެ ބާޒާރުތަކުގެ ތެރެއިން ރާއްޖެއިން އެންމެ ގިނައިން މަސް ބޭރުކުރަނީ އިނގިރޭސިވިލާތަށް ކަމަށާއި އެހެންކަމުން އެ ތަނުގެ ޓެރިފް ކަނޑާލުމުން އޭގެ ފައިދާ މުޅި މަސްވެރިކަމުގެ ސިނާއަތަށް ކުރަމުންދާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ޓެރިފް ކަނޑާލުމުން ލިބުނު ކުރިއެރުމުގެ ސަބަބުން މަސް އެކްސްޕޯޓްކުރާ ކުންފުނިތަކަށް ވެސް ކުރިއެރުންތަކެއް ވަނީ ލިބިފައެވެ. އެ ގޮތުން މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭ އަގު ރަނގަޅުކުރުމުގެ ފުރުސަތު ވެސް އެ ކުންފުނިތަކަށް މިހާރު އެބަ އޮތް ކަމާއި، މިފްކޯގެ އިތުރުން ހޮރައިޒަން ފިޝަރީޒާއި އެންސިސް ފަދަ އަމިއްލަ ކުންފުނިތަކުން ވެސް މަސްވެރިންގެ އަތުން ރަނގަޅު އަގުގައި މަސް ގަންނަމުންދާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“އެހެންވީމާ މިހާރު ހޮރައިޒަން ފިޝަރީޒް ތަންތަނުން، އެންސިސް ފިޝަރީޒް ތަންތަނުން އަދި މިފްކޯ އިން ވެސް ރަނގަޅު އަގުގައި މަސްވެރިން އަތުން މަސް ގަންނަމުން އެ ދަނީ. މިހާރު ބާޒާރެއް، ހަގީގީ ބާޒާރެއް، ވާދަވެރި ބާޒާރެއް، މަހުގެ އުފެދިއްޖެ ކަން އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން،” ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން މަސް ގަންނަ އަގުތަކަށް އަލި އަޅުއްވާލައްވައި ޝިޔާމް ވިދާޅުވީ މިހާރު ކިލޯއަކަށް 20 ރުފިޔާ އަށްވުރެ ދަށްކޮށް މަސް ނުގަންނާނެ ކަމަށާއި، ބައެއް ދުވަސްދުވަހު ކިލޯއަކަށް 21 ނުވަތަ 22 ރުފިޔާ ވެސް ދެމުންދާ ކަމަށެވެ. އަދި ރާއްޖޭގެ މަހަށް އިތުރަށް ރަނގަޅު އަގު ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެލިއު އެޑް ކުރެވޭ މަހުގެ މިންވަރު މަދުވުން ކަމަށްވާތީ، މިފްކޯއިން ދަޅުގައި މަސް ބަންދުކުރުމާއި މަސް ރައްކާކުރުމުގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން އަބަދުވެސް ޓެރިފް ކަނޑާލުމުގެ މަސައްކަތަށް ސިގްނަލެއް ލިބުން ނޫން ނަތީޖާއެއް ނާންނަ ކަމަށެވެ. މިދިޔަ 14 އަހަރު އެ ކަން ދިމާވީ ސަރުކާރުތަކުގެ ހެޔޮ ނިޔަތް އެ ކަން ކުރުމަށް ނެތުމުގެ ސަބަބުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ކުރި މަސައްކަތުގެ ނަތީޖާގެ ގޮތުން އިނގިރޭސިވިލާތުން ޓެރިފް ކަނޑާލީކަން އޭނާ ފާހަގަކުރެއްވިއެވެ.

