
ޤައުމީ އެއަރލައިން މޯލްޑިވިއަނުން، ކެނެޑާގެ މަޝްހޫރު ޑި ހެވިލަންޑް ކުންފުންޏާއެކު “ޑީއެޗްސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ” މަރުކާގެ ދެ ސީޕްލޭން ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ގިނައިން ޓްވިން އޮޓަރ އޮޕަރޭޓްކުރާ ރާއްޖެއަށް، މި އައު މަރުކާގެ ބޯޓުތައް ތަޢާރަފުކުރާ މިއީ ފުރަތަމަ ފަހަރެވެ. މި މުހިންމު އެއްބަސްވުމުގައި ޤައުމީ އެއަރލައިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އުޅަނދު އުފައްދާ ކުންފުނި ކަމަށްވާ ޑި ހެވިލަންޑްގެ ފަރާތުން މި ލިޔުމުގައި ސޮއިކުރެއްވީ އެ ކުންފުނިން އޭޝިއާ ޕެސިފިކް އަދި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ވައިސް ޕްރެޒިޑެންޓް ސޭލްސް، ޔޮގޭޝް ގާރގްއެވެ.
“ކްލަސިކް 300-ޖީ” އަކީ ދިވެހި ޕައިލެޓުންނާއި އިންޖިނޭރުންގެ ލަފަޔާއި މަޝްވަރާގެ މަތިން، ރާއްޖޭގެ ޖަޒީރާ މާޙައުލާ އެންމެ ގުޅޭގޮތަށް ފަރުމާކޮށްފައިވާ އުޅަނދެއްކަމަށް ޑި ހެވިލަންޑް ކުންފުނިން މަޢުލޫމާތުދެއެވެ. މޯލްޑިވިއަނުން ހާމަކުރާ ގޮތުގައި، އެންމެ ފަހުގެ އޭވިއޯނިކްސް ވަސީލަތްތައް ހިމެނޭ މި ބޯޓުތަކަކީ އޮޕަރޭޓްކުރަން ފަސޭހަ އަދި މަރާމާތުގެ ޚަރަދުތައް ކުޑަ ބޯޓުތަކެކެވެ. މީގެ އިތުރުން ބޯޓުގެ ބަރުދަން ލުއިވުމުގެ ނަތީޖާއެއްގެ ގޮތުން، އިތުރު ފަސިންޖަރުންނާއި ކާގޯ އުފުލުމުގެ ޖާގަ ލިބިގެންދާނެއެވެ.
ވޭތުވެދިޔަ ދިހަވަރަކަށް އަހަރަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރިސޯޓުތަކަށް ފަތުރުވެރިން އުފުލުމުގައި ޓްވިން އޮޓަރ ބޯޓުތައް އަދާކުރަނީ މައިބަދައިގެ ދައުރެކެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާތަނަށް މި މަރުކާގެ އެއްހާހަށްވުރެ ގިނަ ބޯޓު އުފައްދާފައިވާއިރު، ގަނޑުފެނުގެ ސަރަޙައްދުތަކުން ފެށިގެން ހޫނު ޤައުމުތަކުގައި ވެސް ބޭނުންކުރެވޭ މި ބޯޓުތަކަކީ ރައްކާތެރިކަމުގެ ގޮތުން ދިވެހިންގެ މެދުގައި ވެސް ބޮޑު އިތުބާރެއް ހޯދާފައިވާ އުޅަނދުތަކެކެވެ.

