
ކުޑަކުދިންގެ ކިބައިގައި ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަން އަށަގެންނެވުމަކީ އެކުދިންގެ ޝަޚުޞިއްޔަތު ފުރިހަމަ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވާހަކަދެއްކުމުގެ 39 ވަނަ ޤައުމީ މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ދީނީ ގޮތުން ބަލާއިރު ވެސް ބަސްމޮށުންތެރިކަމަކީ ނުހަނު މަތިވެރި ދަރަޖައެއް ދެވިފައިވާ ސިފައެއްކަން ފާހަގަކުރައްވަމުން، ޑރ. ޝަހީމް ވިދާޅުވީ މާތް ﷲ ކޮންމެ ނަބީބޭކަލަކު ވެސް ފޮނުއްވާފައި ވަނީ އެ ބޭކަލެއްގެ ޤައުމެއްގެ މީހުންނަށް ފަސޭހައިން ފަހުމްވާނެ ފަދަ ބަހުރުވައަކުން މުޢާމަލާތްކުރެއްވުމުގެ ކުޅަދާނަކަން ދެއްވައިގެން ކަމަށެވެ. މިގޮތުން، ފިރުޢައުނުގެ ގާތަށް ވަޑައިގަތުމަށް މޫސާގެފާނަށް އެންގެވި ހިނދު، އެކަލޭގެފާނަށް ވުރެ ދޫފަރިތަ އަދި ވާހަކަދެއްކުމަށް ކުޅަދާނަ ބޭކަލެއްގެ ގޮތުގައި އަޚު ހާރޫނުގެފާނު ވެވަޑައިގަންނަވާތީ، އެ މަސައްކަތުގައި ހާރޫނުގެފާނުގެ އެހީތެރިކަމަށް މޫސާގެފާނު އެދިވަޑައިގަތްކަން ކީރިތި ޤުރުއާނުން އެނގެން އޮންނަކަން ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިއީ މޮޅަށް ވާހަކަދެއްކުމުގެ ސަބަބުން ގިނަގުނަ ފުރުޞަތުތަކެއް ފަހިވެގެންދާނެކަން އަންގައިދޭ އަލިގަދަ ދަލީލެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކީރިތި ޤުރުއާނުގައި އެންމެ ފުރަތަމަ ބާވައިލެއްވި ފަސް އާޔަތުގައި ވެސް ކިޔެވުމަށް އަމުރުކުރައްވާފައިވުމަކީ ލިޔުންތެރިކަމާއި ކިޔުންތެރިކަމުގެ މުހިންމުކަން އަންގައިދޭ ވަރުގަދަ ހެއްކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށްޓަކައި ދަރިވަރުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ހަތަރު ކަމެއް ވަޒީރު ވަނީ ޙިއްޞާކުރައްވާފައެވެ. އޭގެ ތެރޭގައި، ގިނަގިނައިން ފޮތްތައް މުޠާލިޢާކުރުމާއި، މޮޅު ތަޤުރީރުތައް އަޑުއެހުމުގެ އިތުރުން، އެތަކެތި ދަސްކޮށް ފަރިތަކުރުން ހިމެނެއެވެ. ބައެއް މީހުންނަށް އުފެދުމުގައި ވެސް މި ހުނަރު ލިބިފައިވީ ނަމަވެސް، ގަދައަޅައި މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ކާމިޔާބު ވާހަކަދެއްކުންތެރިއަކަށް ވެވިދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ރަސްމިއްޔާތު ނިންމަވައިލައްވަމުން ވަޒީރު ދެއްވި އެންމެ އުފާވެރި ޚަބަރަކީ، ވާހަކަދެއްކުމުގެ ހުނަރު ކުރިއެރުވުމަށް ހިތްވަރު ދެއްވުމުގެ ގޮތުން، މި އަހަރުން ފެށިގެން މި މުބާރާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ޚާއްޞަ އިނާމުތަކެއް ހުށަހަޅުއްވަމުން ގެންދަވާނެކަން އިޢުލާނުކުރެއްވުމެވެ.

