
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން މިދިޔަ އަހަރު 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވީ ނަމަވެސް، އޭގެ ބޮޑު ބައެއް ރާއްޖޭގެ ބޭންކިން ނިޒާމަށް ނުވަންނަ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން، ބޭރު ފައިސާއާ ބެހޭ ގާނޫނާއި ނެޝަނަލް ޕޭމެންޓް ސިސްޓަމްގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ތައްޔާރުވެއްޖެއެވެ.
މި އިސްލާހުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ބަދަލަކީ، “ކެޓެގަރީ އޭ”ގައި ހިމެނޭ ރިސޯޓުތަކަށް ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ މަގުން ފައިސާ މާރުކުރުމަށް މިހާރު އޮންނަ އިހުތިޔާރު އުވާލުމެވެ. މީގެ ބަދަލުގައި، ކުރިއަށް އޮތްތަނުގައި ހުރިހާ ރިސޯޓަކުން ވެސް ޖެހޭނީ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު ލާޒިމުކޮށް މާރުކުރާށެވެ.
އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި، މިހާރު އުސޫލު އޮންނަ ގޮތުން ބޮޑެތި ހައިއެންޑް ރިސޯޓުތަކުން މާރުކުރަނީ ބޮލަކަށް 500 ޑޮލަރުގެ ރޭޓުންނެވެ. އަދި އާމްދަނީގެ 20 ޕަސެންޓުން ފައިސާ މާރުކުރަން ޖެހެނީ ނިސްބަތުން އާމްދަނީ ދަށް، ކުދި ރިސޯޓުތަކަށެވެ. މީގެ ސަބަބުން ކޮންވާޝަންގެ ތެރެއިން ބޮޑު އަދަދެއް ދައުލަތަށް ގެއްލިގެންދެއެވެ. އެހެންކަމުން މި އައު ބަދަލާ އެކު، ހުރިހާ ރިސޯޓަކުން ވެސް އެއް ހަމައެއްގައި ޑޮލަރު މާރުކުރުން ލާޒިމުވެ، އަހަރެއްގެ މައްޗަށް އިތުރު 100 މިލިއަން ޑޮލަރު ބޭންކުތަކަށް ވަންނާނެކަމަށް އެމްއެމްއޭއިން އަންދާޒާކުރެއެވެ. މި އިސްލާހުތައް މިހާރު އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، ވަރަށް އަވަހަށް މަޖިލީހަށް ހުށަހެޅޭނެކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ޕީއޯއެސް މެޝިންތަކާއި އޮންލައިން މުއާމަލާތްތައް މޮނިޓާކުރަނީ
ޑޮލަރު ރާއްޖޭގައި ހިފެހެއްޓުމަށްޓަކައި އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން، ބޭރުގެ ބޭންކުތަކުގެ ޕީއޯއެސް މެޝިންތައް ބޭނުންކޮށްގެން ހިންގާ ޓްރާންސެކްޝަންތަކުގެ ފައިސާ ވެސް ރާއްޖޭގެ ބޭންކް އެކައުންޓަކަށް ޖަމާވާންޖެހޭގޮތަށް ނެޝަނަލް ޕޭމެންޓް ސިސްޓަމްގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.
މީގެ އިތުރުން، ރާއްޖޭގައި ހިންގާ ހުރިހާ އޮންލައިން މުއާމަލާތްތަކެއް އެއް ވިއުގައެއްގެ ތެރެއިން މޮނިޓާ ކުރުމަށްޓަކައި “ނެޝަނަލް ސްވިޗެއް” ލޯންޗުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. މި ބަދަލާ އެކު ޑިޕޮސިޓްގެ ރިކުއާމެންޓްތައް އެންމެ ފުރިހަމައަށް މޮނިޓާކުރެވިގެންދާނެއެވެ.
އެހެން ވިޔަފާރިތަކަށް އޮތީ ކޮން ބަދަލެއް؟
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެންނަ މި ބަދަލުތަކާ އެކު، ގެސްޓްހައުސްތައް ހިމެނޭ “ކެޓަގަރީ ބީ”އަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
ނަމަވެސް، ކޮންސްޓްރަކްޝަން އަދި ޓެލެކޮމް ފަދަ ވިޔަފާރިތައް ހިމެނޭ “ކެޓަގަރީ ސީ” އިން ޑޮލަރު މާރުކުރަންޖެހޭ ތްރެޝްހޯލްޑް 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކުރާނެއެވެ. އެހެންކަމުން 25 މިލިއަން ޑޮލަރަށްވުރެ ދަށް އާމްދަނީއެއް ލިބޭނަމަ އެ ވިޔަފާރިތަކުން ޑޮލަރު މާރުކުރާކަށް ނުޖެހޭނެއެވެ. މި ކެޓަގަރީގައި މިހާރު ޑޮލަރު މާރުކުރަމުން އަންނަނީ 12 ވަރަކަށް ކުންފުނިން ކަމަށްވާއިރު، މި ބަދަލުން ޑޮލަރު މާރުކުރެވޭ މިންވަރަށް އަސަރެއް ނުކުރާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.
މީގެ އިތުރުން، މި ކެޓަގަރީގައި ހިމެނޭ ދިވެހި ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހޭ އަދަދު އާމްދަނީގެ 7 ޕަސެންޓަށް ކުޑަކޮށްދިނުމުގެ އިހުތިޔާރު ވެސް އައު އިސްލާހުގެ ތެރެއިން އެމްއެމްއޭއަށް ލިބިގެންދާނެއެވެ.

