
އެމްއެންޔޫގެ ދަނާލުގައި ހިނގި ހާދިސާ އާ ގުޅިގެން އެ ހާދިސާގައި ނިޔާވި ކުއްޖާގެ ޒާތީ ޗެޓްލޮގް ހާމަކުރީ މަޖުބޫރުވެގެންކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު މިފަދައިން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އެ ކުއްޖާގެ މައުލޫމާތު ހިމާޔާތް ކުރުމުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުބާރު ދެމެހެއްޓުމަކީ ވެސް މިނިސްޓަރުގެ ޒިންމާ އެއް ކަމަށެވެ.
“މި އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެންނަށް ކަން ހިނގާ ދިޔަ ގޮތުގެ ހާދިސާގެ ސްޕެސިފިކް ބައެއް މައުލޫމާތު ހިއްސާނުކޮށެއް އެ ޓައިމްލައިން އެސްޓެބްލިޝްކޮށްފައި އެ ކުއްޖާ ދެއްކި ވާހަކަ އާ ފުލުހުން އެއަށް ދިން ރެސްޕޮންސްއަކާ ފުލުހުން އަމަލުކުރި ގޮތެއް ސާފުކޮށެއް ނުއެއް ދެވޭ.” އިހުސާން ވިދާޅުވިއެވެ.
މިފަދަ ހާދިސާތަކުގެ އަސްލު މައުލޫމާތު ހާމަނުކޮށްފިނަމަ އެއީ ފޮރުވުން ކަމަށް ބުނާ ކަމަށާއި އަސްލު މައުލޫމާތު ހާމަނުކޮށްފި ނަމަ އެއީ ފޮރުވުން ކަމަށް ބުނާ ކަން އިހުސާން ފާހަގަކުރައްވައި ވިދާޅުވީ މިފަދަ ހާދިސާތަކުގައި މައުލޫމާތު ހާމަކުރެވޭނެ މިންވަރު ބަޔާންކުރާ ގާނޫނެއް ރާއްޖޭގައި ހެދިފައި ނެތް ކަމަށެވެ.
“މި ދެންނެވުނު ދުވަހުގައި އަޅުގަނޑުމެންނަށް މަޖުބޫރުވި، ފުލުހުންގެ އެ ސަރވިސް، ކޮންމެ ކަމެއް ނޫން، ފުލުހުންނާ ދޭތެރޭގައި ޝައްކު ކުރެވޭ ކޮންމެ ހާލަތެއްގައި އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ މިފަަދަ މައުލޫމާތެއް ހާމައެއް ނުކުރާާނަން. އެހެން ނަމަވެސް، މިކަހަލަ ނާޒުކު ހާލަތްތަކުގައި ރައްޔިތުން ކޮންމެހެން ޚިދުމަތަށް އެދޭ އަދި އެ ޚިދުމަތަށް އެދި ގޮވަ ގޮވާ ތިބި އެތައް ބައިވަރު ރައްޔިތުންްނެއް ކޮންމެ ދުވަހަކު ވެސް ތިބޭއިރު، އެ ޚިދުމަތުގެ އަގު ހިފެހެއްޓުމަށް ނުވަތަ އިތުބާރު ހިފެހެއްޓުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ޤަބޫލު ކުރަން ” އިހުސާން ވިދާޅުވިއެވެ.
މީގެ އިތުރުން އިހުސާނު ވިދާޅުވީ އެ ހާދިސާ އާ ގުޅިގެން އެ ހާދިސާގެ ހަގީގާތް އޮޅޭ ގޮތަށް ބައެއް ސިޔާސީ ފަރާތްތަކުން އަމަލު ކޮށްފައިވާ ކަމަށާއި އެ ހާދިސާގައި ނޫސްވެރިން އަމަލު ކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ފައިދާ ނަގައިގެން ސިޔާސީ ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

