
ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން، އޮގަސްޓު މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް 560 ފަރާތަކަށް ބިން ޙަވާލުކޮށް ނިންމާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިއީ ހުޅުމާލޭގެ މި ސަރަޙައްދުން ބިން ލިބުނު ފަރާތްތަކުގެ ޖުމްލަ ޢަދަދަށް ނިސްބަތްކުރާއިރު އަށްޑިހަ އިންސައްތައެވެ. ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަނީ ބިމުގެ ވެރިފަރާތުން ރަޖިސްޓަރީ ހެދުމަށް ހުށަހެޅުމުން، އެ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހުގައެވެ. ބިން ޙަވާލުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މާރިޗު މަހުގެ 26ވަނަ ދުވަހު ފަށާފައިވާއިރު، ބާކީ ހުރި ގޯތިތައްވެސް ލަސްނުކޮށް ޙަވާލުކޮށް ނިންމުމުގެ މަސައްކަތް ހަލުވިކަމާ އެކު ދަނީ ކުރަމުންނެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ބޭނުންކުރާނެ ގޮތުގެ ތަފުސީލު ނުވަތަ ލޭންޑް ޔޫސް ޕްލޭނަށް ގެނައި އިޞްލާޙުތަކަކާ ގުޅިގެން، 698 މީހަކަށް ލިބިފައިވާ ގޯތީގެ ލޮކޭޝަނަށް ވަނީ ބަދަލު އައިސްފައެވެ. އެހެންކަމުން، މި ފަރާތްތަކަށް އަލުން ގޯތި އޮންނާނެ ތަނެއް ކަނޑައެޅުމަށްޓަކައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހު ވަނީ ގުރުއަތުލުން ކުރިއަށް ގެންގޮސްފައެވެ.
ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ބޮޑުމިނާއި ޢަދަދުތައް:
• 1650 އަކަފޫޓުގެ 181 ގޯތި
• 2050 އަކަފޫޓުގެ 242 ގޯތި
• 2450 އަކަފޫޓުގެ 132 ގޯތި
• 2850 އަކަފޫޓުގެ 62 ގޯތި
• 3250 އަކަފޫޓުގެ 41 ގޯތި
• 3650 އަކަފޫޓުގެ 16 ގޯތި
• 4000 އަކަފޫޓުގެ 24 ގޯތި
ނިމިދިޔަ ސަރުކާރުން މި ގޯތިތައް ދޫކުރިއިރު، އެ ސަރަޙައްދުގެ ބިން އޮތީ ނުހިއްކައެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން އަލަށް ހިއްކައި، ޙައްޤުވެރިންނަށް ގޯތި ދޫކުރަން ފަށާފައެވެ. މީގެ އިތުރުން، ގުޅީފަޅުން ބިން ލިބުނު ފަރާތްތަކަށް ވެސް ގޯތި ޙަވާލުކުރުމުގެ މަސައްކަތް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިހާރު އަންނަނީ ކުރަމުންނެވެ.

