
2021 ފެށިގެން 2023ގެ ނިޔަލަށް ފެނަކަ ކޯޕަރޭޝަނުން މުދަލާއި ޚިދުމަތް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ތަހުގީގުކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މިއަދު ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައި ވަނީ، ފެނަކައިގެ މާލީ މުޢާމަލާތްތަކާއި ޕްރޮކިއުމަންޓްގެ ކަންކަން ހިނގާފައިވާ ގޮތް ބެލުމަށް އެކުލަވާލި ޚާއްޞަ އޮޑިޓް ރިޕޯޓު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފުންކޮށް ދިރާސާކުރުމަށް ފަހު އެކުލަވާލި 36 ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށެވެ. އޮޑިޓުން ހާމަވިގޮތުގައި، އެ ކުންފުނީގެ މާލީ ނިޒާމަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ލިބޭގޮތަށް، ކުންފުނީގެ އެތެރޭގެ ގަވާއިދުތަކާ ކަނޑައެޅިގެން ޚިލާފަށް ގިނަ އަމަލުތަކެއް ވަނީ ހިންގާފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެ 3 އަހަރުގެ ތެރޭގައި އެކި ބާވަތުގެ މުދަލާއި ޚިދުމަތް ހޯދުމަށް ފެނަކައިން 8.8 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މީގެ ތެރޭގައި ކުންފުނީގެ ދުވަހީ އޮޕަރޭޝަންތަކަށް އެއްވެސް ވަރަކަށް ބޭނުންނުވާ ތަކެތި، ދުރާލާ ރޭވުމެއްނެތި އާންމު ބީލަމުގެ އުސޫލުން ބޭރުން ނުހަނު ބޮޑު އަގުގައި ގަނެފައިވާކަން ފާހަގަކޮށްފައިވެއެވެ. އިންޖީނާއި، ކޭބަލް އަދި ޓްރާންސްފޯމަރު ފަދަ ތަކެތި ހޯދުމަށާއި އެކިއެކި މަޝްރޫޢުތަކަށް 2.23 ބިލިއަން ރުފިޔާގެ 673 ކޮންޓްރެކްޓެއް ހަދާފައިވާއިރު، އޭގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ އަގުހުރި 438 އެއްބަސްވުން ހަވާލުކޮށްފައި ވަނީ އާންމުކޮށް އިއުލާންކުރުމަކާ ނުލައެވެ.
މީގެ އިތުރުން، އޭރު ކުންފުނި ހިންގުމާ ހަވާލުވެހުންނެވި މެނޭޖިންގ ޑިރެކްޓަރާ އާއިލީގޮތުން ގުޅުންހުރި ފަރާތްތަކަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާކަން ވެސް ވަނީ ފަޅާއަރާފައެވެ. އެގޮތުން އެފަދަ ކުންފުނިތަކަށް 49 މިލިއަން ރުފިޔާގެ 92 ޕްރޮޖެކްޓެއް ދީފައިވާއިރު، އެ މަސައްކަތްތަކާ ގުޅިގެން އުސޫލުން ބޭރުން ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާކަމަށް ރިޕޯޓުގައި ބަޔާންކުރެއެވެ. ހަމައެހެންމެ، އިންހައުސްކޮށް އިންޖީނުގެތަކާއި އޮފީސް އިމާރާތްކުރުމަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށް 57 މަޝްރޫޢެއް ފެށިނަމަވެސް، އޭގެ ތެރެއިން 41 މަސައްކަތެއް ނުނިމި ހުއްޓިފައިވާކަމާއި، އެތަންތަން ނިންމަން އިތުރު ބޮޑެތި ހޭދަތަކެއް ކުރަންޖެހިފައިވާކަން ވެސް އޮޑިޓުން ދައްކައެވެ.
ކުންފުންޏަށް ބޭނުންވާ އަޑީތެޔޮ ގަތުމުގައި ވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވެއެވެ. ޖުމްލަ 127.7 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާއިރު، އޭގެ ތެރެއިން 111 މިލިއަން ރުފިޔާގެ މުއާމަލާތް ހިންގާފައި ވަނީ ޕްރޮކިއުމަންޓް ސިޔާސަތުތަކާ މުޅިން ޚިލާފަށެވެ.
މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުންފުނީގެ ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، ޖިނާއީ ތަހުގީގުތައް ކުރިއަށްދާގޮތުގެ އެންމެފަހުގެ މައުލޫމާތު މާލިއްޔަތު ކޮމިޓީއަށް ގަވާއިދުން އެންގުމަށް ވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީގެ ރިޕޯޓު ފާސްކުރުމުގެ އިތުރުން، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާމެދު އަވަހަށް ފިޔަވަޅު އެޅުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ޚާއްޞަ ޤަރާރު ވެސް، ޖަލްސާގައި ތިއްބެވި 63 މެންބަރުންގެ ފުރިހަމަ ތާއީދާ އެކު ވަނީ ފާސްކޮށްފައެވެ.

