
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހޭނެކަމަށް މިއަދު ލަފާކޮށްފިއެވެ.
މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެއެވެ. ނަމަވެސް، ހޮނިހިރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ލަފާކުރާގޮތުގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމަކީ އެކަށީގެންވާ ކަމެކެވެ.
ރާއްޖޭގެ ސަރަހައްދުގައި ވައިޖެހޭނީ ހުޅަނގުއުތުރާއި ހުޅަނގުންނެވެ. އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭއިރު، ދެކުނުގެ ހިސާބުތަކަށް ވައިޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުމުގެ ފުރުސަތު އޮތްކަމަށް މެޓުން ފާހަގަކުރެއެވެ. ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވި ނަމަވެސް، އެހެނިހެން ސަރަހައްދުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ހުންނާނެކަމަށް ލަފާކުރެވޭއިރު، ދެކުނުގައި މި މިންވަރު ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. މީގެ އިތުރުން، މޫސުން ގޯސްވުމުގެ ސަބަބުން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. މިއަދު ހަވީރު 5:00ގެ ނިޔަލަށް މި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވައިގަދަވާނެކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

