
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ތިންހާހަށް އަރައިފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ތިންހާސް މައްސަލައިގައި އާންމުންގެ އަތުން 35,144,703.32 ގެއްލިފައިވާއިރު، މި ތިންހާސް މައްސަލަތަކުގެ ތެރެއިން ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައި ވަނީ 1,196 މައްސަލަތަކުގައި ކަމަށާއި އެއީ 13,296,072.51 ރުފިޔާއެވެ. އަދި 279 މައްސަލައެއްގެ ފައިސާ ބައެއް ހޯދިފައިވާ ކަމަށް ވެސް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި 3،000 މައްސަލައިގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ (35,144,703.32 ރ) ވަނީ ގެއްލިފައެވެ. މީގެ ތެރެއިން ފުލުހުންނަށް އަނބުރާ ހޯދިފައިވަނީ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ (13,296,072.51 ރ) އެވެ.
⭕ އިތުރު ތަފުސީލް: https://t.co/IwGE54NsPO pic.twitter.com/VinbXGFg7C— Maldives Police (@PoliceMv) August 10, 2026
ފުލުހުން ބުނީ ސްކޭމް މައްސަލައިގައި ފައިސާ ގެއްލުމަށް ފަހު އެ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމަށާއި ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިދިއުމުގެ ފުރުސަތު އޮތްކަމަށެވެ. މި ފަދަ ސްކޭމް މައްސަލަތަކަކަކީ ކުދި ވިޔަފާރިވެރިންގެ އިތުރުން އާންމު ފަރުދުން ރެޔާއިދުވާލު ކުރާ ބުރަ މަސައްކަތުން އެއްކުރާ ފައިސާ ކަމަށާއި މަކަރާއި ހީލަތުގެ ދަލުގައި ޖެހި ބޭކާރުވެގެންދިޔަ ހިތާމަވެރި ހާދިސާތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ސްކޭމްގެ ޝިކާރައަކަށް ތިބާ ނުވުމަށްޓަކައި، މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެ، ސަމާލުވާން ޖެހޭ ކަމަށެވެ.

