
ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލާ އަދި އިރެގިއުލާ މައިގްރޭޝަން ލިއޭޒަން އޮފިސާ، ޑިޓެކްޓިވް އިންސްޕެކްޓަރު މިސް ސޯނިއާ ޑަގްލަސްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ނިއުޒީލަންޑާ ދެމެދު ގާނޫނު ތަންފީޒުކުރުމުގެ ދާއިރާއިން މިހާރު ގާއިމުކުރެވިފައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އެގޮތުން ދެ ގައުމުގެ ފުލުހުންގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުންނާއި ދިވެހި ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ނިއުޒީލަންޑް ފުލުހުންނަށް ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ ރޭވިގެން ހިންގާ ކުށްތަކާއި މާލީ ކުށްތައް ތަހުގީގު ކުރުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮސްފައިވާ ކަމަށެވެ.

