
ޑެޕިއުޓީ ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު ހޯދުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި މަހުގެ 23ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދު އަނެއްކާ ވެސް ހުޅުވާލައްވައިފިއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި ހިނގާ މަހުގެ 23 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00އެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އާ ދެމެދު އެ އޮފީހުން އެޕްލިކޭޝަން ފޯމުތައް ބަލައިގަންނަމުން ގެންދާނެއެވެ.
މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި ފޯމު، ސީދާ ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އޭގެ އިތުރުން، އޮންލައިންކޮށް ފޯމު ނެގުމަށް ބޭނުންވާ ފަރާތްތަކަށް އެ އޮފީހުގެ ރަސްމީ ވެބްސައިޓް (presidency.gov.mv) އިން ވެސް ފަސޭހަކަމާ އެކު ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ފަހިކޮށްދީފައެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ދެވަނައަށް އެންމެ އިސް މަޤާމު ހުސްވީ، ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި ފާތިމަތު އަމީޒާ މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މި މަހުގެ 16ވަނަ ދުވަހު އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

