
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވެ، ދަފްތަރު ނަންބަރު 07 / ސ. މީދޫ, ޢަބްދުލްވައްހާބު އަޙްމަދު (59އ) ކަމަށާއި އޭނާއަށް ވަނީ 25 އަހަރަށް ޖަލު ހުކުމަކާ އެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާއެއް ވެސް ކޯޓުން ހުކުމް ކޮށްފައި ކަމަށެވެ.
މި ހުކުމް އިއްވާފައި ވަނީ 2026 އޮގަސްޓު 9ވަނަ ދުވަހު ކަމަށާއި އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު)ގެ 105ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 ޑިސެމްބަރު 1ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ 2022 ޖަނަވަރީ 13ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް، ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.

