
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުން މުއްދަތު ހަމަވާ މެންބަރުންގެ ބަދަލުގައި އައު ބޭފުޅުން އައްޔަންކުރެއްވުމުގެ ބޭނުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅެއްގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހަށް، މަޖިލީހުގެ ރުހުމާ އެކު އެލްޖީއޭ ބޯޑުގައި ތިއްބަވާ ތިން މެންބަރެއްގެ ދައުރު ނިމުމަކަށް އަންނާނެއެވެ. އެހެންނަމަވެސް، މި ފަހަރުގެ ޖަލްސާއަށް ރައީސް ފޮނުއްވާފައި ވަނީ އޭގެ ތެރެއިން ދެ ގޮނޑިއަކަށް ޢައްޔަންކުރައްވަން ފެނިވަޑައިގަންނަވާ ދެ ބޭފުޅެކެވެ. އެއީ ގދ. ގައްދޫ، ތިބްރޯޒްގެ، އާއިޝަތު އާރިފާގެ އިތުރުން ށ. ކަނޑިތީމު، ރަތްވިލާގޭ މުޙައްމަދު އާރިފެވެ.
މި ދެ ބޭފުޅުންގެ ތެރެއިން އާއިޝަތު އާރިފާ ހުށަހަޅުއްވާފައި ވަނީ އެލްޖީއޭ ބޯޑަށް އައްޔަންކުރަންޖެހޭ އަންހެން މެންބަރުގެ މަޤާމަށެވެ. އޭނާއަކީ މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމުގެ ރޮނގުން ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވައި ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ބޯޑަށް ހަމަޖައްސަވާ މެންބަރުކަމަށް ނަން ފޮނުއްވި މުޙައްމަދު އާރިފަކީ ލާމަރުކަޒީ ނިޒާމު ހިންގުމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ފަރާތެކެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކައުންސިލްތައް ތަމްސީލުކުރާނެ މެންބަރުން ހޮވުމަށް އެލްޖީއޭއިން ކުރިއަށްގެންދަން ރާވާފައިވާ އިންތިޚާބު ވަނީ ފަސްކޮށްފައެވެ. ކުރިން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކުރި މި ވޯޓުލުން ފަސްކުރަން ޖެހުނީ އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ބައެއް އިންތިޒާމުތައް ހަމަނުޖެހުމުގެ ސަބަބުންނެވެ.

