
ފެނަކަ ކޯޕަރޭޝަނުން ނ. މާޅެންދޫ އަދި އެ އަތޮޅު ކުޑަފަރީގައި ބިނާކުރި ކުޑަކުދިންގެ ޕާކުތައް ރަސްމީކޮށް ހުޅުވައިފިއެވެ.
މި ދެ ރަށުގައި ކުރިއަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތުތަކުގައި ޕާކުތައް ހުޅުވައިދެއްވީ ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އަފޫ ހާމިދާއި، ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ސާލިމްގެ އިތުރުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު ޙުސައިންއެވެ. މީގެ ތެރެއިން މާޅެންދޫގެ ޕާކު ހުޅުވުމުގައި އެމްޑީ އަފީފު ބައިވެރިވެވަޑައިގެންނެވިއިރު، ދެ ރަށުގެ ރަސްމިއްޔާތަށް ވެސް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި ރައްޔިތުން ޖަމާވިއެވެ.
ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރެއިން ސަރުކާރުން ޚަރަދުކޮށްގެން ހިންގި މި ދެ މަޝްރޫޢު ފެނަކައާ ޙަވާލުކޮށްފައި ވަނީ ނިމިދިޔަ އަހަރުގެ މާރިޗު މަހުގެ 29ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ދަށުން ޕާކުތަކުގެ ލޭންޑްސްކޭޕިންގ ފުރިހަމަކޮށް، ކުޅޭ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ އެންމެހާ ކަންކަން ކޮށްފައި ވަނީ އެ ކުންފުނިންނެވެ.
މިފަދަ ޕާކުތަކެއް ތަރައްޤީކުރުމުގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއްގައި ކުޅިވަރުކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ޢާއިލާތަކަށް އެކުގައި ވަގުތު ހޭދަކުރެވޭނެ ހިތްފަސޭހަ ތަންތަން ރަށްރަށުގައި ޤާއިމުކުރުން ކަމަށް ސަރުކާރުން ބުނެއެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ސިޔާސަތެއްގެ ދަށުން ރަށްރަށުގެ އިޖުތިމާޢީ ދިރުން އާލާކުރުމަށް ފަށާފައިވާ މަސައްކަތެކެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކުތައް ހަދައި ނިންމުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން، މިހާރު ވެސް އެކި ރަށްރަށުގައި މި މަޝްރޫޢުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ދަނީ ކުރިއަށެވެ.

