
ރާއްޖޭގައި ފެހުރިހީގެ އާބަދީ އިތުރުކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރޭންޖަރުންނަށް ހާއްސަ ސާމާނުތައް ހަވާލުކޮށްފިއެވެ.
އެ ތަކެތި ހަވާލުކުރީ ހުއާވޭއިން ފަންޑުކޮށްގެން ކުރިއަށް ގެންދާ “ޓެކް 4ނޭޗާ މޯލްޑިވްސް”މަޝްރޫއުގެ ދަށުންނެވެ.
އެގޮތުންއެ މަޝްރޫއުގެ ދަށުން ހިމާޔަތްކޮށްފައިވާ އަރިއަތޮޅު ދެކުނުބުރީގެ ސަރަަހައްދު،ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ، މެރިން ޕްރޮޓެކްޓެޑް (ސަމްޕާ)ބެލެހެއްޓުމަށް ބޭނުންވާ ހާއްދަ ސާމާނު އެ ސަރަހައްދުގެ ރޭންޖަރުންނާ ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް ރޭންޖަރުންނަށް ދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މިއީ ރޭންޖަރުން އެ ސާމާނުތަކަށް އަހުލުވެރިކުރުވައި، ފީލްޑް އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނުތަކެކެވެ.
އެ މަސައްކަތުގެ މައިގަނޑު މަގުސަދަކީ ދެކުނު އަރިއަތޮޅުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ޓެކްނޮލޮޖީގެ އެހީގައި ފުޅާކުރުން ކަމަށާއި އޭގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ، ދުނިޔޭގެ ފެންވަރުގައި ނެތިދިއުމުގެ ބިރު އޮތް ފެހުރިހީގެ އާބާދީ ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

