
“ދަނޑުވެރި ނަފާ”ގެ ނަމުގައި ދޫކުރާ މާލީ އެހީތެރިކަން އިސްލާމީ ފައިނޭންސްގެ އުސޫލުތަކަށް ފައްތައި، އަދި “ދަނޑުވެރި މަންފާ” ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ހއ. ކެލާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވަޒީރު އަޙްމަދު ޝިޔާމް ރަސްމީގޮތުން ފައްޓަވައިދެއްވައިފިއެވެ.
ބައިނަލްއަޤްވާމީ އިދާރާއެއް ކަމަށްވާ އިފާޑާ ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ތެރެއިން ތަޢާރަފުކުރި 15 މިލިއަން ރުފިޔާގެ މެޗިންގ ގްރާންޓް ޚާއްސަކޮށްފައި ވަނީ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ، ހދ، އަދި ށ އަތޮޅަށެވެ. މި ފިޔަވަހީގައި ވެސް މާލީ އެހީ ދިނުމަށް ހަމަޖެހިފަ އިވަނީ ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނިޒާމުތައް ކަމަށްވާ ގްރީންހައުސް އަދި ހައިޑްރޮޕޯނިކްސް ފަދަ ވަސީލަތްތައް ޤާއިމުކުރާ ފަރާތްތަކަށެވެ. މީގެ ތެރޭގައި އާންމު ދަނޑުވެރިންނާއި، ޖަމިއްޔާތަކުގެ އިތުރުން ކޯޕަރޭޓިވްތައް ހިމެނެއެވެ.
ކުރިން ދޫކުރަމުން އައި ނަފާ ލޯނު މިހާރު އިސްލާމީ ނިޒާމަކަށް ބަދަލުކޮށްފައިވާއިރު، މި ފެސިލިޓީގެ މައިގަނޑު އަމާޒަކީ ޒަމާނީ ފެންވަރަށް ދަނޑުވެރިކަން ތަރައްޤީކުރުމެވެ. އޭގެ ތެރޭގައި ވާޓިކަލް ގާޑަނިންގ، އާބަން އެގްރިކަލްޗަރ، ޕޯލްޓްރީ ފާމް އަދި ނާސަރީ ހެދުން ފަދަ ކަންކަން ހިމެނެއެވެ. ހަމައެއާ އެކު، ޖަނަވާރުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އިސްކަންދީގެން ވެޓެރިނަރީ ޚިދުމަތްތަކާއި ޕެޓް ފާމްތަކަށް ވެސް މި ސްކީމްގެ ދަށުން އިންވެސްޓްކުރެވޭނެ މަގުވަނީ ފަހިކޮށްދީފައެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ހިންގާ މި ދެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމްތަކުގެ އެންމެ ބޮޑު ބޭނުމަކީ ޤައުމުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް، ދަނޑުވެރިކަމުގެ ވިޔަފާރި ފުޅާކުރުމަށް މަގުފަހިކުރުމެވެ. އަދި ޚާއްސަކޮށް ޒަމާނީ ޓެކްނޮލޮޖީއާ އެކު މި ސިނާޢަތަށް ނުކުންނަން ބޭނުންވާ ޒުވާނުންނަށް ހިތްވަރު ދިނުމަކީ ވެސް މި ފައިނޭންސިންގ ފެސިލިޓީތަކުގެ މުހިންމު މަޤުޞަދެކެވެ.

