
ދައުލަތުގެ މާލީ ޙާލަތު ދަށްވެފައި އޮތް ނަމަވެސް، ރައްޔިތުންނަށް ވެވަޑައިގެންފައިވާ މައިގަނޑު ހުރިހާ ވަޢުދުތަކެއް މި ރިޔާސީ ދައުރުގެ ތެރޭގައި ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އއ. އުކުޅަހުގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން، ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު ޤައުމުގެ އިޤްތިޞާދު އޮތީ ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރީގެ ބޮޑެތި ދަރަނިތައް އަދާކުރަމުންދާ މި ދަނޑިވަޅުގައި ވެސް އަތޮޅުތެރޭގެ ތަރައްޤީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތްތަކުގައި ރައްޔިތުން އެދުނު އެންމެ މުހިންމު ކަންކަން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޙާސިލުކޮށްދެއްވުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރިޔާސީ އިންތިޚާބުގައި އެންމެ އިސްކަމެއް ދެއްވައިގެން ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވަޢުދުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، އެ ދާއިރާގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ހިނގަމުންދާކަން ރައީސް ކަށަވަރުކޮށްދެއްވިއެވެ. މިގޮތުން، ވެރިރަށް މާލޭގެ ސަރަޙައްދުގައި ހަތަރު ހާސް ފްލެޓްގެ މަސައްކަތް ފެށިފައިވާއިރު، ޖަލްސާ ބޭއްވި އުކުޅަސް ވެސް ހިމެނޭހެން ރާއްޖޭގެ ފަނަރަ ރަށެއްގައި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ފެށިގެން ކުރިއަށްދާކަން އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ.
މީގެ އިތުރުން، ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު ފަށައި، އެކި ސަބަބުތަކާހުރެ މަޑުޖެހިފައި ހުރި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތްތައް އަލުން ފަށައިގެން ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ މިފަދަ ހުރިހާ މަސައްކަތްތަކެއް ނިންމައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މި ދައުރުގެ ތެރޭގައި ދާއިމީ ނިމުމެއް ގެނެސްދެއްވުން ކަމުގައި އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.

