
އެމްޑީޕީގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ޢަމަލުތައް ފަޅާއަރާފާނެތީ، އެމްޑީޕީގެ ވެރިކަން ނިމުނުއިރު ދައުލަތުގެ މާލީ ހިސާބުތައް ތިން މަސްދުވަސް ވަންދެން ސިއްރުކުރިކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ތުހުމަތުކުރައްވައިފިއެވެ.
އއ. އުކުޅަހުގައި ބޭއްވި ކޮންގްރެސް ޕާޓީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، އޭރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އޮތް ބޮޑު އަޣުލަބިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ވެރިކަން ވައްޓާލަން މަސައްކަތްކުރީ ވެސް ވައްކަމާއި ކޮރަޕްޝަންގެ ޖަރީމާތައް ފަސްއަޅައި ފޮރުވުމުގެ ބޭނުމުގައި ކަމަށެވެ.
އިދިކޮޅު އެމްޑީޕީން މިހާރު ދައްކަމުންދާ ވާހަކަތަކަކީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއްކަން ފާހަގަކުރައްވަމުން، އެ ޕާޓީއަށް އަލުން ވެރިކަން ލިބުނު ނަމަވެސް ޤައުމަށް ކޮށްދޭނެ ފައިދާއެއް ނޯންނާނެކަމަށް ޝުޖާޢު ވިދާޅުވިއެވެ. އޭގެ އިތުރުން، އެމްޑީޕީއަކީ ދިވެހިންނަށް ހެޔޮއެދޭނެ ބައެއް ނޫންކަމަށާއި، އެއީ ނަވާރަ ދިވެހިންގެ ލޭގެ އިލްޒާމު އެޅިފައިވާ ބައެއްކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ.
ޝުޖާޢުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ނިމިދިޔަ ސަރުކާރުން ޤައުމަށް ދީފައިވާ ގެއްލުންތަކުން އަރައިގަތުމަށް މިހާރުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ކުރިމަގު އޮތީ ވަރަށް އުޖާލާކޮށްކަމުގެ ޔަޤީންކަން ދެއްވައި، ރައީސުލްޖުމްހޫރިއްޔާއާ އެކު ހުރިހާ ރައްޔިތުން ވެސް ފަހަތަށް ނުޖެހި ސާބިތުކަމާ އެކު ތިބުމަށް އޭނާ ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.

