
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ބީލަމަށް ހުޅުވާލައި އަދި ފަހުން އަގު ކުޑަކުރި މ. ސީދީހުރާ އާއި ސީދީހުރާ ވެލިގަނޑު ނެގި ފަރާތުން އެހެން ކުންފުންޏަށް ވިއްކާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު ކުއްޔަށް ދިނުމާ ބެހޭ ލީސް އެގްރީމެންޓުގެ ދަށުން، އެ ރަށްތައް ކުއްޔަށް ހިފާފައިވާ ފަރާތަށް އެރަށްތަކާއި ގުޅިގެން ލިބިދީފައިވާ އެންމެހާ ޙައްޤުތައް، އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެރަށްތަކާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއް ވާނަމަ އެކަން އަންގަން އެދިފައެވެ.
މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑަކީ 2021ވަނަ އަހަރު ރައީސް ސޯލިހުގެ ވެރިކަމުގައި ދޫކުރި ތަނެކެވެ. އަދި ފަހުން ވަނީ މިތަނުގެ އަގު ކުޑަކޮށްފައެވެ. މިގޮތުން ފަހުން ދޫކޮށްފައި ވަނީ 875،000 ޑޮލަރަށެވެ. އެންމެ ފުރަތަމަ އިއުލާނުކުރީ 1,250,000 ޑޮލަރަށެވެ. މިއީ ގާތްގަނޑަކަށް 1.28 ހެކްޓަރުގެ ރަށެކެވެ. މި ތަން ކުއްޔަށް ދޫކުރީ ސީދީހުރާގެ ކައިރީގައި އޮންނަ، ނުވަތަ އެ ރަށާ ގުޅިފައިވާ ކުޑަ ރަށެއްގެ ވެލިގަނޑާ ވެސް އެކުގައެވެ. އަދި މި ދެ ތަން އެއްކޮށްލުމުން ޖުމްލަ ބޮޑުމިނުގައި ގާތްގަނޑަކަށް 3.00 އިން 4.28 ހެކްޓަރު ހުރެއެވެ.
ޓޫރިޒަމް މައުލޫމާތުތައް ދައްކާ ގޮތުން ޓޫރިޒަމް ވަސީލަތްމަދު މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު ނަގާފައިވަނީ މާކެޓެކް މޯލްޑިވްސް ކުންފުނިންނެވެ. މިއީ މި ފަޅުގެ ލީސްހޯލްޑްއެވެ. ނަމަވެސް މި ފަޅު އަލުން ވިއްކާލި ފަރާތެއް އަދި ވިއްކާލި އަގެއް ވެސް ނޭނގެއެވެ. ނަމަވެސް ބައެއް މައުލޫމާތުތަކުގައިވާ ގޮތުން މި ރަށާއި ފަޅު ނަގާފައި ވަނީ ސިލްވަ އެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ.

