
މަސްތުވާތަކެއްޗާއި ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނަށް ފަރުވާދީ، އެކުދިންނަކީ ޤައުމަށް ފައިދާހުރި ބަޔަކަށް ހެދުމުގެ މަޤުޞަދުގައި، އުތުރުތިލަފަޅުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ރިހެބިލިޓޭޝަން މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައެވެ.
“ދަ ޕަލްސް” ޕޮޑްކާސްޓް, މުޖުތަމަޢުގައި އަށަގަނެފައިވާ މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ޚާއްޞަކުރި މި ޕްރޮގްރާމުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މައްސަލައިގެ މޫތަކާ ހަމައަށް ވާސިލުވެ، ހަޤީޤީ ސަބަބުތައް ދެނެގަނެގެން ދާއިމީ ފަރުވާއެއް ހޯދައިދިނުން ކަމަށެވެ. އެގޮތުން، ޒުވާނުން ކުށްކުރުމަށް ފޯކުރާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައިވުން ފަދަ އިޖުތިމާޢީ މައްސަލަތައް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިކަމަށް ފުރިހަމަ ޙައްލެއް ގެނައުމަށްޓަކައި، ހަމައެކަނި ފަރުވާދިނުމުގެ ބަދަލުގައި، ވަށާޖެހޭ ސިޔާސަތެއް ތަންފީޒުކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވައިލެއްވިއެވެ. އޭގެ ތެރޭގައި، ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމާއި، ކުދި ވިޔަފާރިތައް ފެށުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން، އަންހެނުން ބާރުވެރިކުރުވައި ގޭގައި ތިބެގެން ފައިސާ ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުން ހިމެނެއެވެ. މީގެ އިތުރުން، ތަޢުލީމާއި ޞިއްޙީ ނިޒާމު ހަރުދަނާކުރުމަކީ ވެސް ކުށުގެ ވެށިން ކުދިން ދުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
އުތުރުތިލަފަޅުގައި ތަރައްޤީކުރާ އައު މަރުކަޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއީ ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހޭ މަޝްރޫޢެއް ނަމަވެސް، މިކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް މިހާރު ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށެވެ. އަދި ޕްރޮޕޯޒަލްތައް ދިރާސާކުރުމުގެ މަރުޙަލާ ނިމުމަކާ ގާތްވެފައިވާއިރު، ލަސްތަކެއްނުވެ ޢަމަލީ މަސައްކަތް ފެށި، މި ރިޔާސީ ދައުރުގެ ތެރޭގައި އޭގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފެނިގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފް ހުށަހަޅައިދެއްވި މި ޕޮޑްކާސްޓުގައި، ރައީސް މުޢިއްޒު ވަނީ ޤައުމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން އެމަނިކުފާނުގެ ތަޞައްވުރު ޙިއްޞާކުރެއްވުމުގެ އިތުރުން، ޢާންމު ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ސުވާލުތަކާއި ކަންބޮޑުވުންތަކަށް ވެސް ޖަވާބުދާރީވެވަޑައިގެންފައެވެ.

