
ގަރލް ގައިޑް ޙަރަކާތަކީ ހަމައެކަނި ނަމެއްގެ ބަދަލުގައި، އަންހެނުން ބާރުވެރިކުރުވައި ޤައުމު ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ޤައުމީ ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ރާއްޖޭގައި މި ޙަރަކާތް ހިންގާތާ 75 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރަމުންދާއިރު، މިއީ ދިވެހި ސަރުކާރުން ރަސްމީ ސިފައެއްގައި މި ދުވަސް ފާހަގަކުރަން ފެށި ފުރަތަމަ ފަހަރުކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ މި ނިންމެވުމުގެ ސަބަބުން، ކުރިމަގުގައި މި ޖަމާޢަތުގެ މަސައްކަތްތަކަށް އިތުރު ފަހިކަމެއް ލިބި، އެކަށީގެންވާ ކުރިއެރުންތަކެއް އަންނާނެކަމުގެ ޔަޤީންކަން ފަސްޓްލޭޑީ ދެއްވިއެވެ.
މީގެ އިތުރުން، އެކަމަނާގެ ވާހަކަފުޅުގައި ވަނީ ޤައުމެއް ތަރައްޤީކުރުމުގެ އެންމެ މައިގަނޑު އަސާސަކީ އިންސާނީ ވަސީލަތް ތަރައްޤީކުރުންކަން ފާހަގަކުރައްވައި، އެކަން ކުރެވެން އޮތީ ދެޖިންސުގެ މީހުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދީގެންކަން ބަޔާންކުރައްވާފައެވެ. އެހެންކަމުން، ގަރލް ގައިޑް ޙަރަކާތުގެ ތެރެއިން އަންހެން ކުދިން ތަރުބިއްޔަތުކުރުމަށް ކުރެވޭ މަސައްކަތަކީ، ފަރުދީ ފެންވަރުގައާއި، ޤައުމީ އަދި ބައިނަލްއަޤުވާމީ މައިދާނުގައި ވެސް ނުހަނު އަގުހުރި، ބޭނުންތެރި ޚިދުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސިފަކުރައްވާފައެވެ.

