
މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުން އެއީ ދިވެހި ފުލުހުންގެ އެންމެ އިސް އަމާޒުކަމުގައި ކަނޑައެޅުމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ގޮވާލައްވައިފިއެވެ.
ފުލުހުންގެ 42ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރޭވިގެން ހިންގާ ބޮޑެތި ކުށްތަކަށް ފައިސާ ލިބޭ މައިގަނޑު މަސްދަރަކީ ޑްރަގްގެ ވިޔަފާރިއެވެ. އަދި އާއިލާތައް ރޫޅި، މުޖުތަމަޢުގެ ފަރުދުން ހަލާކުގެ ތެރެއަށް ވެއްޓިގެންދާ މައިގަނޑު ސަބަބަކީ ވެސް މިއީ ކަމަށްވުމާ އެކު، ފުލުހުންގެ މުއައްސަސާއިން އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކާމިޔާބުކުރަންޖެހޭނެ މިޝަނަކީ މިއީކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ފުލުހުންގެ ވާޖިބު އަދާކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ފުލުހެއްގެ އަތުގައި އޮންނާނެ އެންމެ ވަރުގަދަ ހަތިޔާރަކީ މުގުރެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ޔަޤީންކަން ކަމަށެވެ. އެހެންކަމުން، ކޮންމެ ފުލުހަކު ވެސް ކިބުރުވެރިކަމުން އެއްކިބާވެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަކީ ދަތި އުނދަގޫ ކަމެއްކަން ޤަބޫލުކުރެއްވި ނަމަވެސް، ފާއިތުވި ދުވަސްތަކުގައި މިކަމުގައި ކުރިއެރުންތަކެއް ހޯދިފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. އަދި ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޑްރަގް ވިޔަފާރިކުރާ ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތައް މިހާރަށްވުރެ ފުޅާކޮށް، އެކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފެނިގެންދާނެ ކަމުގެ ޔަޤީންކަން ވެސް ވަޒީރު އިޙްސާން ވަނީ ދެއްވާފައެވެ.

