
މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މާލެއަކީ ހިނގާބިގާވެ އުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ “އާބަން މޮބިލިޓީ ސަރވޭ”ގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިއީ މާލޭގެ ދަތުރުފަތުރުގެ ހާލަތު ދެނެގަނެ، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރިއަށްގެންދާ މުހިންމު ދިރާސާއެކެވެ.
މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް)ގުޅިގެން ކުރިއަށްގެންދާ އެ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ މީހުން ގެންގުޅޭ އުޅަނދު ފަހަރުގެ އަދަދާއި، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދަތުރު ފަތުރުގެ ނިޒާމުގައި ހުރި ގޮންޖެހުންތަކަށެވެ.
އެ ސާވާގެ މަގުސަދަކީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ފަސޭހަ ނިޒާމެއް ބިނާކުރުންކަމަށް މާލެ ސިޓީ ކައުންސިލްއިން ބުންޏެވެ.
އެ މަސައްކަތުގެ ޑޭޓާ އެއްކުރުމުގެ މަރުހަލާގައި މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ. އެގޮތުން އެމުވައްޒަފުން ވަނީ 1000އަށް ވުރެ ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށްފައެވެ. މި ޓީމުން ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން، ގްރޭޓާ މާލެ ސަރަޙައްދުން މަޢުލޫމާތު ވެސް އެއްކޮށްފައެވެ.
ގޭގެއަށް ޒިޔާރަތްކޮށްގެން މައުލޫމާތު އެއްކުރުމުގެ އިތުރުން، އޮންލައިންކޮށް ވެސް މި މައުލޫމާތު އެއްކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިހާރު ވަނީ ފަށައިފައެވެ.

