
ނިރުބަވެރިކަމާ ދެކޮޅަށް ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ސައޫދީ އަރަބިއްޔާއާ އެކު ރާއްޖެއިން މުހިންމު މަޝްވަރާތަކެއް ބާއްވަވައިފިއެވެ.
މި މުހިންމު ބައްދަލުވުން ކުރިއަށް ގޮސްފައި ވަނީ އައި.އެމް.ސީ.ޓީ.ސީގެ ޑެޕިއުޓީ މިލިޓަރީ ކޮމާންޑަރ މޭޖަރ ޖެނެރަލް ޢަބްދުﷲ ބިން ޙާމިދު އަލް-ޤުރައިޝީއާ އެކުގައެވެ. ދިފާޢީ ވަޒީރު ޙަސަން ރަޝީދު ސައޫދީއަށް ވަޑައިގެންނެވީ އެ ޤައުމުގެ ޑިފެންސް މިނިސްޓަރ ޕްރިންސް ޚާލިދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދުގެ ފަރާތްޕުޅުން ލިބިވަޑައިގަތް ދަޢުވަތަކަށެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުންގެ ދެމެދުގައި ކުރެވުނު މައިގަނޑު މަޝްވަރާތައް އަމާޒުކުރައްވާފައި ވަނީ، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ދެ ޤައުމުގެ ދެމެދުގައި ޤާއިމުކޮށްފައިވާ ގުޅުން އިތުރަށް ފުޅާކޮށް ވަރުގަދަކުރުމަށެވެ. މީގެ އިތުރުން، ދެ ޤައުމުގެ އަސްކަރީ އަދި ފަންނީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، ގުޅިގެން ތަފާތު ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ހިންގުމާމެދު ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރައްވާފައިވެއެވެ.
މީގެ އިތުރުން ވެސް، ބައިނަލްއަޤުވާމީ މައިދާނުގައާއި ސަރަޙައްދީ ގޮތުން އުފެދެމުން އަންނަ ސަލާމަތީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އިސްތިރާޖީ ގޮތުން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމަށް މި ބައްދަލުވުމުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ދުނިޔޭގެ ސުލްހަމަސަލަސްކަމާއި އަމާންކަން ކަށަވަރުކުރުމަށްޓަކައި ސައޫދީ އަރަބިއްޔާއާއި ދިވެހިރާއްޖެއިން ގުޅިގެން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ދެ ފަރާތުން ވެސް ވަނީ ތަޢުރީފުކުރައްވާފައެވެ.

