
އެކަށީގެންވާ އަދަދަކަށް ދަތުރުވެރިން ނުލިބުމުގެ ސަބަބުން ޤައުމީ އެއަރލައިންގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ތިރިކުރުމަށް މިވަގުތު އުނދަގޫތަކަކާ ކުރިމަތިލާންޖެހިފައިވާކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރިމަތިކުރުވި ސުވާލަކަށް ރައްދުދެއްވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޑޮމެސްޓިކް ދަތުރުތަކަށް ނަގަމުންދާ ފީއަކީ އޮޕަރޭޝަނަލް ޚަރަދުތަކާ އަޅާބަލާއިރު ބޮޑު އަދަދެއް ނޫނެވެ. އަދި މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ އަގުތައް 40 އިންސައްތައާ ގާތްކުރާ މިންވަރަކަށް ބޮޑުވެގެން ދިޔައިރު ވެސް، ދިވެހި ސަރުކާރުން އިސްކަންދިނީ ރައްޔިތުންނަށް ބުރައަކަށް ނުވާނެހެން އެހެނިހެން ޚަރަދުތައް ކުޑަކޮށްގެން ޓިކެޓުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށްކަން އޭނާ ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަމުންދާ އޭޓީއާރު މަރުކާގެ މަތިންދާބޯޓުތަކަކީ ދުނިޔޭގެ ފެންވަރުގައި ވެސް ސަލާމަތީ ގޮތުން އިތުބާރު ހިފޭ، ފެންވަރު ރަނގަޅު އުޅަނދުތަކަކަށްވުމާ އެކު، އެ ފްލީޓު މެއިންޓެއިންކޮށް ހިންގުމަށް ބޮޑު ހޭދައެއް ކުރަންޖެހޭކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. މި އުޅަނދުތަކުގެ ބޭނުމަކީ ދަތުރުވެރިންނަށް އެންމެ ފުރިހަމަ އަދި ރައްކާތެރި ޚިދުމަތެއް ކަށަވަރުކޮށްދިނުންކަމަށް ވެސް އަމީން ވަނީ ވިދާޅުވެފައެވެ.

