
އެމްއެމްޓީވީ ވުޖޫދަށް ގެނައުމަށްޓަކައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ މާލިއްޔަތުން އެއްވެސް ހޭދައެއް ކޮށްފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ޖަލްސާގައި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރިމަތިކުރުވި ސުވާލަކާ ގުޅިގެން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން އޮޑިޓަރ ޖެނެރަލް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެކުލަވާލާފައިވާ ތަހުގީގީ ރިޕޯޓުތަކުން ވެސް، އެންސްޕާގެ އެއްވެސް ފައިސާއެއް އެމްއެމްޓީވީއަށް ގޮސްފައި ނުވާކަން ސާފުކޮށް ފެންނަން އޮންނާނެއެވެ.
މި މައްސަލައިގެ ފެށުމަކީ، 2024ވަނަ އަހަރުގެ ތެރޭގައި އެންސްޕާގެ އޮފީސް ހިންގުމަށްޓަކައި ކުރީގެ ވަޒީރު އަހުމަދު ތަސްމީން އަލީގެ އާއިލީ ގެއެއް ކަމަށްވާ މ. ސީރާޒީގޭގެ ދެ ފަންގިފިލާއެއް ފަސް އަހަރުގެ މުއްދަތަށް ކުއްޔަށް ހިފުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން އަމާޒުކުރި ފާޑުކިޔުންތަކެވެ. އެ ފަރާތްތަކުން އޭރު ތުހުމަތުކޮށްފައި ވަނީ އެ އިމާރާތް ކުއްޔަށް ހިފުމުގެ އަސްލު ބޭނުމަކީ އެމްއެމްޓީވީ ހިންގުމަށް މަގުފަހިކޮށްދިނުން ކަމުގައެވެ. އަދި އެ ޓީވީ ސްޓޭޝަންގެ ކުލި ދައްކަނީ ވެސް އެންސްޕާގެ ތެރެއިންކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އެހެންނަމަވެސް، އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެންސްޕާއިން ވަނީ މި ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް، މައްސަލަ ބަލައިދިނުމަށް އޭސީސީއަށް ހުށަހަޅާފައެވެ. އެ އިދާރާއިން އޭރު ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުން، އޮފީސް ހިންގާނެ ޖާގައެއް ހޯދުމުގެ މުއާމަލާތްތައް ކުރިއަށް ގެންގޮސްފައި ވަނީ މާލީ ވުޒާރާއިން ކަނޑައަޅާފައިވާ ހަރުދަނާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެ އޭޖެންސީގެ މުވައްޒަފުންނާއި މުދާ ބޭނުންކޮށްގެން އެއްވެސް ޓީވީ ޗެނަލެއް ހިންގުމުގައި ބައިވެރިވެފައި ނުވާނެކަމަށް ވެސް އެންސްޕާއިން ވަނީ ހާމަކޮށްފައެވެ.

