
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ގިނަ އަދަދެއްގެ ބޭރު ފައިސާ ހުރި ސޫޓުކޭހެއް ފޭރިގަތް މައްސަލައިގައި ޝާމިލުވާ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 27ވަނަ ދުވަހުގެ ހަވީރު 4:15 ހާއިރު ހިނގި މި ނުރައްކާތެރި ހާދިސާގައި، ކުށްވެރިން ވަނީ ޓާމިނަލް 1ގެ ގޭޓު ކުރިމަތިން ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރުދައްކާފައެވެ. އޭރު އެ މުވައްޒަފުން ދިޔައީ އެއާޕޯޓުގައި ހުންނަ ބޭންކުގެ އެކްސްޗޭންޖް ކައުންޓަރަށް ފައިސާތަކެއް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. ފޭރިގަތް ސޫޓުކޭހުގައި އެމެރިކާ ޑޮލަރާއި، ޔޫރޯ، ޕައުންޑް އަދި ދިވެހި ރުފިޔާ ހިމެނޭހެން ޖުމްލަ 12 ގައުމެއްގެ ފައިސާ ހުރިކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި 106,120 އެމެރިކާ ޑޮލަރާއި 23,778 ދިވެހި ރުފިޔާގެ އިތުރުން އެހެނިހެން ގައުމުތަކުގެ ފައިސާ ހިމެނެއެވެ.
މި ފައިސާތައް ފޭރިގަތުމަށް ފަހު، މި އަމަލު ހިންގި މީހުން ފިލާފައިވަނީ ކަނޑުމަގުންނެވެ. އެމީހުން ލޯންޗެއްގައި މާލެ އަތޮޅު ހުރާއަށް ގޮސްފައިވާއިރު، ފުލުހުންގެ ތަހުގީގަށް ފަހުން ވަނީ އެ ލޯންޗު ހޯދައިފައެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ދައުލަތުން ވަނީ އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. އޭގެ ތެރެއިން ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދުގެ މައްޗަށް ފޭރުމާއި، ތޫނު އެއްޗަކުން ބިރުދެއްކުމާއި، އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އުފުލާފައިވެއެވެ. ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް ފޭރުމާއި ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައިވާއިރު، ދެން ތިބި ހަ މީހުން ކަމަށްވާ ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު، ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު، ލ. މާވައް، ރޭޝަމް، މާޒިން މޫސާ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް އަދި ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާންގެ މައްޗަށް ކޮށްފައި ވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގެ ސަބަބުން ބީއެމްއެލްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު، ދައުވާ ލިބޭ ފަރާތްތަކުގެ އަތުން ނަގައިދިނުމަށް ޕީޖީ އޮފީހުން ވަނީ ކޯޓުގައި ރަސްމީކޮށް އެދިފައެވެ.

