
ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތް ހިންގި ކަމަށް ބުނާ މައްސަލާގައި ދައުލަތުން އަލަށް ހުށަހެޅި އާ ހެކިތައް ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ވެސް ނިންމައިފިއެވެ.
އެ ހެކިތަކަކީ ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި އިރު ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދިފާއީ ހެކިން ދިން ހެކި ބަހުގައި ދޮގު ހެކިބަސް ހުރިކަން ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކެކެވެ.
ހައި ކޯޓުން ހުކުމްކޮށްފައި ވަނީ އެ ހެކިތައް ޝަރީއަތަށް ބަލައިގަތީ އިޖުރާއަތާ ހިލާފަށް ކަމަށް ވާތީ އެ ހެކިތައް އެއްފަރާތް ކުރުމަށް ފަހު އަލުން ޝަރީއަތް ހިންގުމަށެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ އެ ހެކިތައް އަލުން ހުށަހަޅައި ބަލައިގަތުމާ މެދު ބަހުސްކުރަން ޖެހޭ ގޮތަށް އަލުން އެ އިޖުރާއަތް ފެށިދާނެ ކަމަށް ބުނެއެވެ.
މިއަދު ސުޕްރީމް ކޯޓުން ހުކުމްކުރީ ދައުލަތުން ސުޕްރީމް ކޯޓުގައި ހުށަހެޅި އެ ނުކުތާއަކީ ހައި ކޯޓުގައި ފާހަގަކުރި ނުކުތާއެއް ނޫން ކަމަށެވެ. އަދި އެއީ ހައި ކޯޓުގައި ހުށަހެޅުމުގެ ފުރުސަތު އޮތް ނުކުތާއެއް ކަމަށާއި، އެ ފުރުސަތު ނެތް ކަމަށް ދައުލަތުން ބުނި ނަމަވެސް އެ ވާހަކައިގައި ބުރަދަނެއް ނެތް ކަމަށެވެ.
އެހެންކަމުން އެ މައްސަލާގައި ސުޕްރީމް ކޯޓުގައި އިތުރަށް ކަނޑައަޅަން ޖެހޭ ކަމެއް ނެތް ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އެ ހުކުމްކުރެއްވީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު އަބްދުﷲ ހަމީދު، އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
ސުޕްރީމް ކޯޓުގެ މި މައްސަލާގައި ގޮތެއް ނިމެންދެން ކްރިމިނަލް ކޯޓުގެ ޝަރީއަތް އޮތީ މަޑުޖައްސާލައިފައެވެ. ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމާ އެއް ގޮތަށް ކްރިމިނަލް ކޯޓަށް ދެން މައްސަލަ ކުރިއަށް ގެންދެވޭނެއެވެ.

