
ދިވެހިރާއްޖޭގެ ފަރާތުން އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) އަށް ކަނޑައެޅުއްވި އައު ސަފީރު، ތޯރިޤު އިބްރާހީމް އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅުގެ ކޮޕީ، އެ ޤައުމުގެ ޚާރިޖީ ވުޒާރާގެ އަންޑަރ ސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީއަށް އަރުވައިފިއެވެ.
ޔޫއޭއީގެ ފޮރިން މިނިސްޓްރީން މަޢުލޫމާތު ދޭ ގޮތުގައި، މިކަމަށްޓަކައި ބޭއްވުނު ބައްދަލުވުމުގައި އަންޑަރ ސެކްރެޓަރީ އުމަރު އުބައިދު ވަނީ، ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރު ހަރުފަތަކަށް ގެންގޮސް، ދެ ޤައުމަށް ފައިދާހުރި ތަފާތު އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ތޯރިޤު ވަނީ، ޔޫއޭއީގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން އެ ޤައުމުން ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ފެންވަރުގައި ހޯދަމުންދާ ފާހަގަކޮށްލެވޭ ކާމިޔާބީތަކަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ދާއިރާތަކުން ގުޅުން އިތުރަށް ފުޅާކުރެއްވުމަށް އުންމީދުކުރައްވާކަން ވެސް އެމަނިކުފާނު ހާމަކުރެއްވި ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޔޫއޭއީގެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން، ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރުކަމުގެ މަޤާމު ވެސް ތޯރިޤު ވަނީ ފުރުއްވާފައެވެ.

