
ހަނިމާދޫ ބައިނަލްއަޤުވާމީ ވައިގެބަނދަރަކީ ވައިޑް-ބޮޑީ ނުވަތަ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭގޮތަށް ފަރުމާކޮށްފައިވާ ތަނެއް ނޫންކަމަށް، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި ޤައުމީ އެއަރލައިންގެ ވައިޑް-ބޮޑީ ބޯޓުތައް ބޭނުންކޮށްގެން ހަނިމާދޫއިން ޗައިނާ ފަދަ ޤައުމުތަކަށް ސީދާ ދަތުރުތައް ފެށުމުގެ ވިސްނުމެއް އެބައޮތްތޯ، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އަމީން ފާހަގަކުރެއްވި ގޮތުގައި އެ އެއަރޕޯޓުގެ ޑިޒައިން އޮތީ ބޮއިންގް-747 އާއި އެއަރބަސް-އޭ380 ފަދަ ބިޔަ ބޯޓުތަކަށް ޚިދުމަތް ދެވޭ ފެންވަރުގައެއް ނޫނެވެ. އެހެންކަމުން ދުރު މަންޒިލްތަކަށް އެތަނުން ސީދާ ދަތުރުތައް އޮޕަރޭޓްކުރުމަކީ މިހާރު ހުރި ވަސީލަތްތަކާ އެކު ކުރެވޭނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު އެ ވައިގެބަނދަރު ތަރައްޤީކޮށްފައި ވަނީ ހަމައެކަނި ނެރޯ-ބޮޑީ ނުވަތަ ކުދި ބޯޓުފަހަރަށް އަމާޒުކޮށްގެންކަން ބަޔާންކުރައްވަމުން ވަޒީރު ވިދާޅުވީ، ބޮޑެތި ބޯޓުތައް ގެންނަން ބޭނުންވާނަމަ ޖެހޭނީ މުޅިން އަލުން އެތަން ތަރައްޤީކުރަން ކަމަށެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން 136.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ހޭދަކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގައި 2.46 ކިލޯމީޓަރުގެ ދިގު ރަންވޭއަކާއި ޒަމާނީ އައު ޓާމިނަލެއް ވަނީ އިމާރާތްކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މި މަސައްކަތުގެ ބޮޑުބައި (70 އިންސައްތަ) ނުނިމި އޮތް ނަމަވެސް، އެ މަސައްކަތްތައް ފުރިހަމަކުރުމަށް ފަހު އެއަރޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ 2025ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

