
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގެ އަޣުލަބިއްޔަތުން ފާސްކޮށް ރުހުން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ މި މައްސަލަ ދިރާސާކޮށްފައެވެ. ކޮމިޝަނުގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށްޓަކައި އޭނާގެ ތައުލީމީ ފެންވަރާއި ތަޖުރިބާ ވަޒަންކުރުމަށް ފާއިތުވި ހަފުތާގައި އިންޓަވިއުކޮށްފައިވާތީ، އިތުރު އިންޓަވިއުއަކާ ނުލައި ކޮމިޓީން ނިންމީ އީސީގެ ރައީސްކަމަށް އޭނާ ގެންނަން ފެންނަ ކަމަށެވެ.
ޝަކީލް އީސީގެ މެންބަރުކަމުގެ ހުވާކުރެއްވީ ހައްޖު ކޯޕަރޭޝަނުގެ އިސްވެރިޔާގެ މަގާމުގައި ހުންނެވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭގެ ފަހުން އޭނާ ކޮމިޝަނުގެ ރައީސްކަމަށް ހަމަޖެއްސެވުމަށްޓަކައި މަޖިލީހުގެ ލަފަޔަކަށް އެދިވަޑައިގެން ރައީސް ފޮނުއްވި ލިޔެކިޔުންތައް ތަޅުމަށް ހުށަހަޅާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
މާލީ ދާއިރާގެ ހާއްސަ ތަޖުރިބާކާރެއްގެ ގޮތުގައި ފާހަގަކުރެވޭ ޝަކީލަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްކަމާއި، 2014އިން ފެށިގެން 2018ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކޮމިޝަނުގެ މެންބަރުކަން ވެސް އޭނާ ކުރެއްވިއެވެ. އޭގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރ ޖެނެރަލްކަން ވެސް އޭނާ އަދާކުރައްވާފައިވެއެވެ.

