
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ތަޢާރަފުކޮށްފައިވާ “އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026” އަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ޖުލައި މަހުގެ 15ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
މިއީ ރަށްރަށުގައި ފުޅާވަމުން އަންނަ ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ފަރުދުންގެ އިތުރުން ރަށްރަށުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭން ފަށާ ފުރަތަމަ އަދި ހަމައެކަނި އެވޯޑެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތައް އެމްއައިބީން މިހާރު ވަނީ އާންމުކޮށްފައެވެ.
އިންސާފުވެރިކަމާ އެކު އެވޯޑުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އިވެލުއޭޝަން މަރުހަލާ މިނިވަންކަމާ އެކު ބަލަހައްޓާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީންނެވެ. މީގެ އިތުރުން، މިއީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފުރިހަމަ ތާއީދު ލިބިފައިވާ އެވޯޑެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
ތަފާތު ފެންވަރުގެ ގެސްޓްހައުސްތަކުގެ މެދުގައި ވާދަވެރިކަން ހަމަހަމަކުރުމުގެ މަގުސަދުގައި، އެވޯޑުތައް ދިނުމަށް ހަމަޖެހިފައި ވަނީ މައިގަނޑު ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ 10 ކޮޓަރިއާ ހަމައަށް ހިންގާ ތަންތަނަށް ޚާއްޞަ ފުރަތަމަ ގިންތިއާއި، 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކަށް ޚާއްޞަ ދެވަނަ ގިންތިއެވެ.
ގެސްޓްހައުސްތަކުން އެވޯޑަށް ހުށަހަޅާއިރު ފުރިހަމަވާންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ރާއްޖޭގައި ގާނޫނީގޮތުން ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށްވުމާ އެކު ޓޫރިޒަމް މިނިސްޓްރީގެ ސައްހަ ލައިސަންސެއް އޮތުން ހިމެނެއެވެ. އަދި ޓެކްސް އާއި ޕެންޝަންގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނަށް އަމަލުކުރާކަން އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅުމާ އެކު، މެދުކެނޑުމެއްނެތި މަދުވެގެން 12 މަސް ދުވަހު އޮޕަރޭޓްކޮށްފައިވާ ތަނަކަށް ވާންޖެހެއެވެ. ހަމައެއާ އެކު، ބައިނަލްއަގުވާމީ ޓްރެވަލް ޕްލެޓްފޯމެއް ކަމަށްވާ ބުކިންގްޑޮޓްކޮމް، އެއާބީއެންބީ، އަގޯޑާ ނުވަތަ ޓްރިޕްއެޑްވައިޒަރގައި އެކްޓިވް ލިސްޓިންގްއެއް އޮތުމަކީ ވެސް ލާޒިމު ކަމެކެވެ.
ވަކިވަކި ފަރުދުންނަށް ދޭ އެވޯޑުތަކަށް ކުރިމަތިލެވޭނީ، އެމްއައިބީ ނުވަތަ ކްރޯ މޯލްޑިވްސްއާ މަސްލަހަތު ފުށުނާރާ ދިވެހި ރައްޔިތުންނަށެވެ. މީގެ އިތުރުން “ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް” ޚާއްޞަކޮށްފައިވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރާ ރަށްރަށަށެވެ. މި އެވޯޑަށް ވާދަކުރާ ރަށެއްގައި މަދުވެގެން 50 ގެސްޓްހައުސް ކޮޓަރި ހިންގަން ޖެހޭނެއެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 ގައި ޖުމްލަ 3 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ދެ ގިންތިން ގެސްޓްހައުސްތަކަށް ދޭ 8 އެވޯޑާއި، ފަރުދުންނަށް ދޭ 3 އެވޯޑުގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑް ހިމެނެއެވެ.
މި އެވޯޑުތައް ހަވާލުކުރުމަށް ބާއްވާ ހަފްލާގެ ތާރީޚު ފަހުގެ ވަގުތެއްގައި އެ ބޭންކުގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް އިއުލާނުކުރާނެ ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.

